އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި މަސައްކަތްތާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަޤާފަތާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފަށާނެކަމަށާއި، ޖަނަވަރީ މަހު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިމާސިވް މިއުޒިއަމްތަކަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކުރާ މިއުޒިއަމްތަކެކެވެ. މިއީ ދުނިޔޭގައި މަޤްބޫލްކަން ހޯދަމުން އަންނަ ތަންތަންކަންވެސް ފާހަގަކޮށްލެއެވެ.
ރާއްޖޭގައި މި ތަރައްޤީކުރެވޭ އިމަރސިވް މިއުޒިއަމަކީ އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ހުރި ސަރަޙައްދު ހިމެނޭހެން އީޖާދީ ވިސްނުންތަކާ ވަސީލަތްތަކުގެ އެހީގައި ދިވެހި ތާރީޚާއި ތަރިކަ ތަޖުރިބާކުރެވޭނެހެން ތަރައްޤީކުރާ ތަނެކެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދުވާލާއި ރޭގަނޑުވެސް ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އިންޓަރެކްޓިވް އިމާސިވް މިއުޒިއަމެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިޔާދަކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްޤީކުރުމާއި، ތަރިކަ ދިވެހީންނަށް އޭގެ ހަޤީގީ މާނައިގައި ރައްދުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެތެރެއިން ކުރައްވާ މުހިންމު މަސައްކަތެކެވެ.