25 ވަނަ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި އިފްތިތާހުކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާންމުކޮށްއިވާ ބަޔާނެއްގައި ބުނީ މި ކޭމްޕް އިފުތިތާހުކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދުވަނީ ރަސްމިއްޔާތެއް ބާއްވާފައިވާކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް ކަމަށެވެ.
ރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ކޭމްޕްގެ ކޮމާންޑަރ، ކެޕްޓަން މުޙައްމަދު މުސްޠަފާކަމަށާއި، ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ، ފަސްޓް ލެފްޓިނެންޓް އަޙްމަދު މަޢުމޫރުކަމަށާއި ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަޙްމަދު އަބޫބަކުރު ކަމަށް އެމްއެންޑީއެފް އިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން 2025 ޑިސެންބަރު 27އިން ފެށިގެން 2026 ޖަނަވަރީ 8ވަނަ ދުވަހުގެ ނިޔަލަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 120 ކެޑޭޓުން ބައިވެރިވާކަން ފާހަގަކޮށް އެމްއެންޑީއެފް އިން ބުނީ އޭގެތެރޭގައި ހިމެނެނީ 90 ފިރިހެން ކެޑޭޓުންނާއި 30 އަންހެން ކެޑޭޓުންކަމަށެވެ.
ހަމަ މިއާއެކު މި ކޭމްޕުގައި ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ ބައިތަކުގެ ތެރޭގައި، ފިޒިކަލް ޓްރެއިނިންގ، ވޯޓަރމަންޝިޕް، ޑްރިލް، ވެޕަން ޓްރެއިނިންގ އެންޑް ޝޫޓްސް، ބޭސިކް ފީލްޑް ކްރާފްޓް، ކޮމްބެޓިވްސް، ލީޑަރޝިޕް، ބޭސިކް ފަޔަރފައިޓިންގ، މެރިޓައިމް ސްޓަޑީޒް، ބޭސިކް ފީލްޑް ފަސްޓްއެއިޑް، އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ބައިތައް ހިމެނޭކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދީފައިވެއެވެ.
މީގެ އިތުރުރުން މި ކޭމްޕަކީ، އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން ރާވާ އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގައި ހިމެނޭ ސްކޫލް ކެޑޭޓް ކޯރތަކުން ހޮވާލެވޭ ކެޑޭޓުންނާއި ބޭންޑް ކެޑޭޓުންނަށް ހިންގޭ ކޭމްޕެއްކަމަށް އެމްއެންޑީއެފް އިން ފާހަގަކޮށްފައިވެއެވެ. އަދި މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމެއެންޑިއެފް އިން ބުނީ ކެޑޭޓް ކޭމްޕްގެ މަޤުޞަދަކީ، ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކޮށް ދިރުވުންކަމަށެވެ.
މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ގައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށްދިނުމާއި ގައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުން ހިމެނޭކަމަށްވެސް އެމްއެންޑިއެފް އިން މައުލޫމާތުދީފައިވެއެވެ.
ކޭމްޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ އޮފިސަރ ޓްރެއިނިންގ ވިންގުގެ ކޮމާންޑިންގ އޮފިސަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންއާއި، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންނާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އިސް އޮފިސަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.