ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް އަނިޔާކޮށް، ބިންމަތީގައި ދަމާފައި ގެންގޮސް މޫދަށް އެއްލާލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ޒިޔާރަތްފުށި އަހްމަދު ހާތިމް (49އ) އަދި ބ. ހިތާދޫ އަންދަލީބުގޭ އަހްމަދު ޝަރީފް (50އ)އެވެ.

މި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައިކަމަށް ފުލުހުން ބުންޏެވެ.

ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް ބަޔަކު އަނިޔާކޮށް މޫދަށް އެއްލައިލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީގެ ދެތިން ދުވަސް ކުރިން ވަނީ އާންމުވެފައެވެ. ވީޑިއޯގައި ފެންނަނީ، ގިނަ ބަޔަކު ތިބި ސަރަހައްދެއްގައި ފިރިހެނަކު ބިންމައްޗަށް ވައްޓާލައިގެން ބިންމަތީގައި ދަމާފައި ގެންދާ ތަނެވެ. ބިން މަތީގައި ދަމާފައި ގެންގޮސް އެމީހާ މޫދަށް އެއްލާލާ މަންޒަރު ފެނެއެވެ. މި ވީޑިއޯ އާންމުކުރި މީހާ ބުނެފައިވަނީ މޫދަށް އެމީހާ އެއްލާލީ ވައްކަމުގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެންނެވެ.

މިވީޑިއޯ އާންމުކުރުމުން އެޗްއާރުސީއެމުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެކަމާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ، އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމުނުކުރުމަށާއި، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއް ކަމުގައި ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއްކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.