ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން ޖަނަވަރީ މަހު ފަށާނެކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވަނީ ތަރިކައިގެ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ތަރިކައިގެ ދާއިރާއިން ކުރައްވާ މަަސައްކަތަކުގެ ތެރެއިން އެދާއިރާއިން މީހުން ބިނާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެގޮތުން މިދާއިރާއިން ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުޞަތުވެސް ހުޅުވާލިއެވެ. މިކަމާ ގުޅެގޮތުން ވަޒީރު އާދާމް ނަޞީރު ވިދާޅުވީ އެ ދާއިރާއިން ކިޔެވުމަށް 50 ސްކޮލަރޝިޕް ދީފައިވާކަމަށެވެ. އެއީ މާސްޓާސް ލެވަލްގެ ކޯސްތަކެއް ކަމާށާއި ކޯހުގެ ކިޔެވުން އަންނަ ޖަނަވަރީ މަހު އިސްލާމީ ޔުނިވަރސިޓީގައި ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެއެވެ. ތަރިކަ ދިރާސާކުރާ މަރުކަޒުން ބުނީ މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ.