ރާއްޖޭގެ 101 ރަށެއްގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށް ވިއުގަ އަޕްގްރޭޑްކުރެވުމާއެކު ތެލަށް ކުރާ ޚަރަދުން އަހަރަކު 1.1 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އަހަރަކު 3 ޓެރަވޮޓް އަވަރ ކަރަންޓް ބޭނުންކުރާކަމަށެވެ. ރާއްޖޭގައި އުފައްދާ ކަރަންޓުގެ 92 އިންސައްތަ އަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލުން އުފައްދާ ކަރަންޓުކަމަށާއި ބާކީ 8 އިންސައްތަ ކަރަންޓު އުފައްދަނީ އިރުގެ އަލި ބޭނުންކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތެޔޮ އެތެރެކުރަން ޖީޑީޕީގެ 8 އިންސައްތަ ބޭނުންކުރާއިރު އެއީ އަހަރަކު 8.9 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް މިސަރުކާރުން އަމާޒު ހިފާފައިވަނީ އިޔާދަކުރަނިވި ހަކަތައާ ދިމާލަށް ދިޔުމަށެވެ. އެގޮތުން މިފަސް އަހަރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މި ދެ އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ މިންވަރު 110 މެގަވޮޓަށް އިތުރުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިމަސައްކަތުގެ ދަށުން ގޭބިސީތަކުގައި ނެޓް މީޓަރިން އުސޫލުން ސޯލާ ޕީވީ ނިޒާމު ހެޔޮ އަގުގައި ގާއިމުކޮށްދިނުމަށް މިސަރުކާރުން ފެށި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 90 އިންސައްތަ އާ ހަމައަށް ބިލު ކުޑަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
މީގެއިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 102 ރަށެއްގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށް ވިއުގަ އަޕްގްރޭޑްކޮށްފައިވާއިރު މިއާއެކު ތެލަށް ކުރާ ޚަރަދުން 192 މިލިއަން ރުފިޔާ ސަލާމަތްކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 101 ރަށެއްގައި މި ނިޒާމު ގާއިމުކޮށް އަޕްގްރޭޑްކުރެވެމުން 1.1 ބިލިއަން ރުފިޔާ ތެލަށް ކުރާ ޚަރަދުން ސަލާމަތްކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އަޖުމަ ބެލުމުގެ މަޝްރޫޢުތައްވެސް ކުރިޔަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިކަމުގައި ސޯލާ ހަރުކުރެވިގެން އޭގެ ބޭނުންކުރެވިގެންދާއިރު ސޯލާ ފެރީ ހޯދުމުގެ މަރުހަލާ ކުރިޔަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ހަކަތަ ބޭނުންކުރާއިރު އިސްރާފުނުވާނެ ގޮތަކަށް އެފަދަ ތަކެތި ގަތުމަށް މަގިފަހިކުރުމަށްވެސް މިނިސްޓްރީން ޕްރޮގްރާމްތައް ކުރިޔަށްގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.