549 ދަރިވަރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ތަމްރީނުކޮށްފި ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަސީހު ވިދާޅުވީ މި އަހަރުތެރޭގައި މަގުމަތީ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ދަމަހައްޓާނެ އައު ޖީލެއް ބިނާކުރުމަށް ތައުލީމީ ވުޒާރާ އާއި ގުޅިގެން 17 ސުކޫލެއްގައި 549 ދަރިވަރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ތަމްރީނުކޮށްފައިވާނެކަމަށެވެ.

މީގެ އިތުރުން ފަސީހު ވިދާޅުވީ އެކުދިން މެދުވެރިކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތު އެހެން ދަރިވަރުންނަށް ލިބޭނެ ގޮތް ފަހި ކޮށްދީފައި ފައިވާނެކަމަށެވެ. އަދި އެކުދިންގެ މަސައްކަތްތަކުގެ ތެރޭގައި ސުކޫލު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް މަސައްކަތްކުރާ ފުލުހުންނާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ހަރަކާތްތެރިވުން ހިމެނޭނެކަމަށް ފަސީހު ވިދާޅުވިއެވެ.

ހަމަ މިއާއެކު ފުލުހުން ހިންގި 10 ތަމްރީނު ޕްރޮގުރާމެއްގައި 1070 ފަރާތެއް، ބައިވެރިވެފައިވާކަން ފާހަގަކުރައްވާ ފަސީހު ވިދާޅުވީ މިއީ އާންމުކޮށް އެކި އެކި އޮފީސްތަކާއި، ކުންފުނިތަކާއި އަދި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުން ކަމަށެވެ.

އެގޮތުން މި ޕްރޮގުރާމުގައި ބައިވެރިވި މީހުންނަށް މަގުމަތީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ދޭންޖެހޭ މައުލޫމާތުތައް ދެވިފައިވާނެކަން ފަސީހު ފާހަގަކުރެއްވިއެވެ.

" އެއް ދުވަހުގެ ތަމްރީނު ޕްރޮގުރާމެއްގެ ގޮތުގައި ހިންގުނު ޕްރިގުރާމުތަކުގެ ތެރެއިން 1070 ފަރާތަކަށް އަޅުގަނޑުމެންނާއކު ތަމްރީނު ފުރިހަމަކޮށް އެފަރާތްތަކަށް މަގުމަތީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ދޭންޖެހޭ އެންމެހާ މައުލޫމާތުތައް ދީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އަކީ ކޮބައިކަން އެފަރާތްތަކަށް ބުނެދީ، މަގުމަތީގެ އާނމު ގަވައިދާ ގާނޫނުތަކާއި އެއްގޮތަށް އަމަލު ކުރުމަށް، ދުއްވުމަށް، ދޭންޖެހޭ އެންމެހާ އިރުޝާދުތަށް އަޅުގަނޑުމެން ވާނި އެފަރާތްތަކަށް ދީފަ"

އަހުމަދު ފަސީހު/ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް

މީގެ އިތުރުން ށ. އަތޮޅާއި ގއ. އަތޮޅުގައި ހިންގައިފައިވާ ރައްކާ ރޯޑް ޝޯ އަކީ ތަފާތު ހަރަކާތްތަކަކާއި އެއްކޮށް މުޅި އަތޮޅަށް އަމާޒުކޮށްގެން ހިންގާފައިވާ ޕްރޮގުރާމެއް ކަމަށާއި މި ޕްރޮގުރާމުގެ ތަށުން އެ ދެ އަތޮޅުގެ ހުރިހާ ރަށެއްގެ ސުކޫލުތަކުގެ މުވައްޒަފުންނަށާއި، ޓީޗަރުންނަށާއި، ދަރިވަރުން އަދި ބެލެނިވެރިންނަށް މަގުމަތީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ދޭނެޖެހޭ މައުލޫމާތުތައް ދެވިފައިވާނެކަމަށް ފަސީހު ވިދާޅުވިއެވެ.

ހަމަ މިއާއެކު ގއ. އަތޮޅުގައި ހިންގައިފައިވާ ޕްރޮގުރާމު ތަކުގެ ތެރޭގައި ގޭގެޔަށް ޒިޔާރާތްކޮށް މަގުމަތީ، ހޮޅުއަށި ތަކުގައި ތިބޭ ފަރާތްތަކަށާއި އެންމެހާ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ އެކި އެކި މަގުމަތީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތުތަށް ހިއްސާކޮށްފައިކަމަށް ފަސީހު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ގިނަ ބަޔަކު އެއްފަހަރާ މަގުމައްޗައް ނިކުމެ އެކި އެކި ފަރާތްތަކަށް މަގުމަތީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް 65 ދުވަހު މަސައްކަތްކޮށްފައިވާނެކަމަށް ފަސީހު ފަހަގަކުރެއްވިއެވެ. ހަމަ އެގޮތަށް މީސް މީޑިއާގެ ޒަރިއްޔާއިންވެސް މަގުމަތީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން 167 ޕޯސްޓެއް މީހުން ހޭލުންތެރިކުރުވުމަށް ކޮށްފައިވަނެކަމަށާއި އެ ޕޯސްޓުތަކަށް 3 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާކަމަށް ފަސީހު ވިދާޅުވިއެވެ.