ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޓިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިޔަށް ގެންގޮސްފި އެވެ.

300 އަށް ވުރެ ގިނަ ކެންޑިޑޭޓުންނާއި އެކު ކުރިޔަށް ގެންދިޔަ މި ޕްރައިމެރީގެ ވޯޓު ފޮށިތައް ބަންދުކޮށްފައި ވަނީ ހަވީރުގެ 04:00 ގައެވެ. އެގޮތުން ޕްރައިމެރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އެއީ ކައުންސިލްތަކަށް 183 ކެންޑިޑޭޓުން އަދި ޑަބްލިއުޑީސީއަށް 121 ކެންޑިޑޭޓުންނެވެ.

ޕްރައިމެރީއާއި ގުޅޭގޮތުން، ޕީއެންސީގެ ކެމްޕެއިން މެނޭޖަރ އަދި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އިބްރާހިމް ފަލާހު ވިދާޅުވީ މިއީ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވޯޓުލާނެ އިންތިހާބު ކަމަށެވެ.

އިންތިހާބުގެ ކަންކަން ކުރިޔަށް ދިޔައީ ވެސް ވަރަށް އަމާންކަމާއި، އޮމާންކަމާއި އެކުގައިކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. ފަލާހު ވިދާޅުވީ ވޯޓުގެ ހުރިހާކަމެއްގެ ވެސް އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ.

ފަލާހު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުގައި 44 ވޯޓު ފޮށި ބަހައްޓާފައިވާއިރު، 21000 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަދުގެ 2 ޖެހުމާއި ހަމައަށް 8000 މީހުން ވޯޓުލާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. ވޯޓުލުން ނިމުނު ފަހުން އަދަދު އިތުރުވިވަރުގެ ތަފްސީލް އަދި އެ ޕާޓީން ހާމަކޮށްފައިނުވެއެވެ.