އެކްސިޑެންޓް ތަކުގެ ބަދަލުގެ ގޮތުގައި 4.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދީފައިވާނެކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަސީހު ވިދާޅުވީ މި އަހަރު ހިނގާފައިވާ އެކިސިޑެންޓް ތަކުގެ ތެރެއިން ދެފަރާތް ވާހަކަދައްކައިގެން ހައްލު ކުރި މައްސަލަތަކުން، އެއްފަރާތް އަނެއް ފަރާތަށް ބަދަލުކުރެވުނު ފައިސާގެ މުއާމަލާތައް ބަލާއިރު 4.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކްސިޑެންޓް ތަކުގެ ބަދަލުގެ ގޮތުގައި ނަގައިފައިވާނެކަމަށެވެ.
މި އީ ފާއިތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު 76 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް ފަސީހު ވިދާޅުވިއެވެ. އަދި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު އެމީހުންނަށް ދޫކޮށްފައިވާކަން ފަސީހު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެކްސިޑެންޓް ތަކުގެ ތެރެއިން ނުރައްކާތެރި 97 އެކްސިޑެންޓެއް ފާހަގަކުރެވިފައިވަކަމަށާއި އެ އެކް ސިޑެންޓްތަކުގެ ތެރެއިން 2 އެކްސިޑެންޓެއްގައި 2 މީހެއް ވަނީ މަރުވެފައެވެ.
ހަމަމިއާއެކު ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް އުޅަނދު ދުއްވާ ފަރާތްތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ 156 ފަރާތަކާމެދު ފިޔަވަޅުއަޅާފައިވާނެކަމަށާއި، އެ ފަރާތްތަކުގެ އުޅަނދު 30 ދުވަހުގެ މުއްދަތަކަށް ޓޯ ކޮށް، ހިފަހައްޓާ، ގާނޫނުގައި ވާގޮތުގެ މަތިން އެކަންތައް ތަންފީޒުކޮށްފައިވާނެކަމަށް ފަސީހު ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ، ހައިވޭ އަދި ބުރިޖު ހިމެނޭހެން މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުގެ ތެރެއިން މިހާ ހިސާބަށް 2217 އެކްސިޑެންޓެއް ފާހަގަކުރެވިފައިވާކަމަށް ފަސީހު ފާހަގަކުރެއްވިއެވެ. އަދި މި އެކިސިޑެންޓް ތަކުގެ ތެރެއިން ބުރިޖު އަދި ހައިވޭގައި ޑިސެމްބަރ 15 އާ ހަމައަށް ހިނގި އެކިސިޑެންޑް ތަކުގެ އަދަދަކީ 355 ކަމަށް ފަސީހު މައުލޫމާތުދެއްވިއެވެ.
އެގޮތުން 2024 ވަނަ އަހަރުގައި ހުރި ޕެންޑިންގް މަސައްކަތްކާއެކުގައި މި އަހަރު 2327 މައްސަލައެއް ނިންމާފައިވާކަމަށް ފަސީހު މައުލޫމާތުދެއްވިއެވެ.
ހަމަމިއާއެކު ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ގެ މަސައްކަތްތައް 2 ބަޔަކަށް ބަހާލެވިގެން ވާކަމަށް ފާހަގަކުރައްވާ ފަސީހު ވިދާޅުވީ ފުރަތަމަ ބަޔަކީ މާލެ، ހައިވޭ އަދި ބުރިޖު ހިމެނޭހެން މާލޭގެ މަގުތަކަކީ ސަލާމާތްތެރި ރައްކާތެރި ތަނެއް ކަމުގައި ހަދާ އެ މަގުތަކުގައި އެންމެން އަށް ދަތުރުފަތުރު ކުރެވޭނެ އަމާން ތަނަކަށް ހެދުން ކަމަށެވެ.
ހަމަމިއާއެކު މާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމުގެ ގޮތުން މާލޭގެ ޕާކިން ޒޯނުތަކަށް ބާވެގެން ދޫކޮށްލާފައިވާ 800 އަށް ވުރެއް ގިނަ އުޅަނދު ނަގައި، ގާނޫނުގައިވާ އިޖުރާތްތައް ހަމަކޮށް ނައްތާލާފައިވާނެކަމަށް ފަސީހު ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ ހޮސްޕިޓަލްތަކާއި މިސްކިތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިފައިވާ ރޭމްޕް ސިޑިތަކާއި ޒިބްރާ ކްރޮސް ފަދަ ތަންތަނާއި ގޯޅި ކަންމަތިތައް ފަދަ މުހިންމު ތަންތަނުގައި ޕާކު ކޮށްފައިވާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާކަން ފާހަގަކުރައްވާ މި އަހަރު 7000 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފައިވާނެކަމަށް ފަސީހު ވިދާޅުވިއެވެ.
އަދި ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 1005 އުޅަނދު ނައްތާލާފައިވާކަމަށް ފަސީހު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފަސީހު ވިދާޅުވީ މާލޭގެ ސުކޫލުތައް ހުންނަ ސަރަހައްދުތަކަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އެގޮތުން މާލޭގެ 20 ސުކޫލަކަށް 141 ފަހަރު ފުލުހުން ހާޒިރުވެ އެތަނުގައި ޑިއުޓީ އަދާކޮށް އެ ސަރަހައްދުތަކަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި މަސައްކަތް ކުރާކަމަށް ފަސީހު ފާހަގަކުރެއްވިއެވެ.