އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (‏އައިއޭއެސް) ގެ މާލީ ހާލަތު ދަށްވެފައިވާ ސަބަބު ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު، މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މެންބަރު ޝާކިރު ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އައިލެންޑް އޭވިއޭޝަން ހިންގަމުންދާ ގޮތުން، އެ ކުންފުނީގެ މާލީ ހާލަތު ކަންބޮޑުވާ ހިސާބަށް ގޮސްފައިވާތީ، އެކަން ސާފުކުރުމަށްޓަކައި މަޖިލީހުގެ އެސްއޯއީ ކޮމިޓީ މެދުވެރިކޮށް އެކަން ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނީ، އައިލެންޑް އޭވިއޭޝަންގެ މާލީ ރިޕޯޓްތަކުން ދައްކާގޮތުން، އެ ކުންފުނީގެ ގްރޮސް މާޖިން ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމަށެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ގްރޮސް މާޖިން 24 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށާއި، އެއީ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ހުރި 35 އިންސައްތައާ އަޅާބަލާއިރު ވަރަށް ބޮޑު ފަރަގެއް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެއީ ފާއިތުވި ފަސް ކުއާޓާގެ ތެރެއިން ގްރޮސް ޕްރޮފިޓް މާޖިން އެންމެ ބޮޑަށް ދަށްވެފައިވާ ކުއާޓާ ކަމުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް މެންބަރު ޝާކިރު ފޮނުއްވި ސިޓީގައި ވަނީ އައިލެންޑް އޭވިއޭޝަންގެ ގްރޮސް ޕްރޮފިޓް މިހާބޮޑަށް ދަށްވި ސަބަބު ހޯދުމަށް އެދިފަ އެވެ. އަދި އެކަށީގެންވާ މިންވަރަށް މަތިންދާބޯޓުތައް ބޭނުންކުރަމުންދޭތޯ އާއި، ލިބޭ އާމްދަނީ އިތުރުނުވެ، ހޭދަވާ އަގު އިތުރުވަމުންދާކަން ސާފުކޮށް ފެންނަން ހުރުމާއެކު، އެކަން އެ ކުންފުންޏަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ ކިހިނެއްތޯ ވެސް ސުވާލުކޮށްފައިވެ އެވެ.

އެ ސިޓީގައި ވަނީ، އައިލެންޑް އޭވިއޭޝަނުން ފާއިތުވި 12 ‏މަސްދުވަހުގެ ތެރޭގައި ހިންގާފައިވާ އާދަޔާ ހިލާފު މަތިންދާބޯޓު ގްރައުންޑްކުރުމުގެ މައްސަލަތަކާ ބެހޭގޮތުން ވެސް ސުވާލުކޮށްފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް، މޯލްޑިވިއަންގެ އެއާބަސް A320 ގްރައުންޑްކޮށްފައިވާ ކަމުގައި ފާހަގަކޮށް، މަތިންދާބޯޓު އަލުން ހިދުމަތަށް ނެރެން އެހާ ގިނަ ދުވަސް ނެގި ސަބަބާއި، އޭގެ ސަބަބުން ގެއްލުނު އާމްދަނީގެ ތަފްސީލު ހޯދުމަށް ވެސް އެދިފައިވެ އެވެ.

މީގެއިތުރުން، 2024 ‏ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާ އާއި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވިއްކުމާއި މާކެޓިންގެ ހޭދަތަކަށް ވަރަށް ބޮޑު އަދަދެއް ހަރަދުކޮށްފައިވާ ކަމުގައި އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ހޭދަތައް އެހާ ބޮޑުވީ ކީއްވެގެންތޯ އާއި، އެހާ ބޮޑެތި ހޭދަތަކުގެ ނަތީޖާ ނުފެންނަނީ ކީއްވެގެންކަމާ މެދު ވެސް އެ ސިޓީގައި ސުވާލުކޮށްފައިވެ އެވެ.