ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފި އެވެ.
މި މައްސަލައިގައި ކޭ ޕާކްގެ ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 104 ދައުވާއެއް ކޮށްފައި ވެއެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މަންޑޭއަކީ، ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެކެވެ.
މަންޑޭގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި ޓެކުމުގެ 46 ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ ސާބިތުވި ފުރަތަމަ ފަހަރެވެ.
މި މައްސަލާގައި ދެން ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ޓެކުމުގެ 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާ އާއި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ އެއް ދައުވާ އެވެ.
ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާ އެވެ. އަދި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާ ވެސް ޖައިޝާންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން ގާޒީ ނަދީމް ވިދާޅުވީ އެއް އެޕާޓްމެންޓެއް އެކި މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން ފައިސާ އަތުލާފައިވާ ކަމަށެވެ. އަދި ފްލެޓްތައް ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މަންޑޭ ކަމަށާއި އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރީ ޖައިޝާން ކަމަށްވާތީ އެއީ އެނގި ތިބެ، ގަސްދުގައި ކުރި ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ. ފައިސާ ނެގުމަށްފަހު އެ ފައިސާ އަމިއްލަ ކަންކަމަށް މަންޑޭ ބޭނުން ކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެޕާޓްމެންޓްތައް ނިންމައި، ހަވާލުކުރަންޖެހޭ މުއްދަތުގައި ހަވާލު ކޮށްފައި ނުވާތީ ޓެކުމުގެ ދައުވާތައް މަންޑޭގެ މައްޗަށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކުށްކޮށްގެން ހޯދި ފައިސާތައް މަންޑޭ އަމިއްލަ ބޭނުމަށް ބޭނުންކޮށް، އެ ފައިސާއިން ހުޅުމާލެއިން ފްލެޓްތަކެއް ވެސް މަންޑޭ ގަނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާތީ އާއި އެ ފައިސާ ބޭނުން ކޮށްގެންގެން ގަނެފައިވާ އެ އެޕާޓްމެންޓް ވެސް ދައުލަތަށް ނެގުމަށް ގާޒީ ނަދީމް އަމުރު ކުރެއްވި އެވެ. ބާކީ ހުރި ދަޢުވާތަކާ މެދު ގޮތެއް ނިންމުމާއި އަދަބު ކަނޑައެޅުމުގެ މަޖިލިސް އަންނަ އަންގާރަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.