ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އަހަރެއްހާ ދުވަހުގެ ތެރޭގައި، ނުވަ ފަހަރެއްގެ މަތިން ހޯދަން އިއުލާނުކޮށްގެންވެސް ނުފެނުނު އިޒާމް ޒާހިރު އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.

ގދ. ވާދޫ ސަބާހާމަންޒިލު އުުމުރުން 26 އަހަރުގެ އިޒާމް ހޯދަމުން އައީ ރޭޕްގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތަކަށް އޭނާ ހާޒިރުނުވެގެންނެވެ.

އެކަން ނޫސްތަކަށް އެރި ފަހުން އިޒާމް ވަނީ މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވެފައެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުން ބުނީ އިޒާމް އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު 30 ވަނަ ދުވަހަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް އެ އިދާރާ އިން ބުނެއެވެ.

އިޒާމުގެ އެ މައްސަލާގައި ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ އިދާރާ އިން ބުނީ އިޒާމު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހާ ކޯޓަށް ހާޒިރުކުރުމަށް ނުވަ ފަހަރެއްގެ މަތިން ފުލުހުން އިއުލާނުކޮށްގެން ވެސް ފެނިފައިނުވާ ކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން ޖޫން، 11، 2024 ގައި އޭނާ ހޯދުމަށް އޭނާގެ ފޮޓޯއާ އެކު އިއުލާނުކޮށްފައިވެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކޯޓުގެ އަޑުއެހުމަށް ހާޒިރުވަމުން ނުދާތީ އެވެ.