މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައިފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ ރައްޔިތުންކަމަށްވާ މޮހަންދާސް ރަޖެންދިރަން (22އ) އާއި ބަލަސުބްރަމަނިޔަން ސެލަމް (41އ) އެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގެ ދަށުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން، މި މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށްގެން ކަމަށެވެ.

އެ ގެ ބަލައިފާސްކުރިއިރު އެ ގޭގެ ތިން ފަންގިފިލާއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށާއި، އެ ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.