އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެ އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ، މި މަހުގެ 1 ވަނަ ދުވަހު އެވެ.
300 އެއްހާ ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00 ގަ އެވެ. ވޯޓުލުން ހަވީރު 4:00 އާއި ހަމައަށް ކުރިއަށްދާނެ އެވެ.
ޕްރައިމަރީގެ މާލެ ސަރަހައްދުން ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ އިސްކަންދަރު ސްކޫލުގަ އެވެ. އަދި އަތޮޅު ތެރޭގައި އެކަމަށް ހާއްސަކޮށްފައިވާ މަރުކަޒުތަކުގައި ވެސް ވޯޓުލުން ކުރިއަށް އެބަދެ އެވެ.
ޕީއެންސީގެ ޓިކެޓުގައި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކަށް ވަނީ ޓިކެޓު ދީފަ އެވެ.
އިދިކޮޅު އެމްޑީޕީން ވެސް ދަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަންނަ މަހުގެ 16 ގައި ބާއްވަން ތައްޔާރުވަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހު އެވެ.