ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރާނެ އެވެ. އެގޮތުން، ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި، ބިހޭވިއަރ ތެރަޕިސްޓުންގެ އިތުރުން ސައިކޯ ތެރަޕިސްޓުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއު ފަށާނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ޖެނުއަރީއިން ފެށިގެން އާންމުކުރަމުން ގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެންސްޕާގެ ތަފާހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިއަން ރުފިޔާ ހަރުދުކޮށްފައިވެ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ތެރަޕިއުޓިކް ފަރުވާ ދީފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން، މިދިޔަ މަހު 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ފަރުވާ ހަމަޖައްސާފައިވެ އެވެ. އަދި 18 އަހަރާ 64 އަހަރާ ދެމެދުގެ 17 މީހަކަށް ވަނީ ފަރުވާ ހަމަޖައްސައިދީފަ އެވެ.