ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ބޮޑެތި ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު، ކުރިއަށް އޮތް ދެ އަހަރު އެފަދަ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

އޭގެތެރޭގައި ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ މަޝްވަރާކޮށް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމާއި، ސަރުކާރުން އިސްވެ ކުރާ މަސައްކަތްތައްވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 500 މިލިއަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާކަމުގައި ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިދިޔަ ދެ އަހަރު 595 ކުދި ވިޔަފާރިއަކަށް 349 މިލިއަން ރުފިޔާގެ ކުދި ލޯނު ދޫކޮށްފައިވާ ކަމަށާއި، 10 ދާއިރާއެއް ހިމެނޭ މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ލޯނާއި މެރިކަލްޗާ އާއި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިދިޔަ ދެ އަހަރުގެ ތެރޭގައި އެކި ބިލްތަކަށް ދައްކާފައިވާ 13 ބިލިއަން ރުފިޔާގެ ތެރެއިން ފަސް ބިލިއަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް ދައްކާފައިވާ ފައިސާ ކަމަށެވެ.