އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ކޮންމެ މަހަކު ދޭ މާލީ އެހީއަށް އިއްޔެ ގެނައި އިސްލާހު ބަދަލުކޮށް، 12،000 ރުފިޔާއާ ހަމައަށް އިނާޔަތް ދޭން ނިންމައިފި އެވެ.

އިއްޔެ އިސްލާހުކޮށް ގެޒެޓްކުރި ގަވާއިދުގައި ވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް 15،000 ރުފިޔާއާ ހަމައަށް އިނާޔަތް ލިބޭގޮތަށް އެލަވަންސް ބޮޑުކޮށްފަ އެވެ.

އެގޮތުން، 1 ޖެނުއަރީއިން ފެށިގެން މަހެއްގެ މައްޗަށް 4 ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3000 ރުފިޔާ ލިބޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި ކުދިންގެ އަދަދު އެއަށް ވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭނެ ކަމަށް ވަނީ ކަނޑާއަޅާފަ އެވެ.

ނަމަވެސް މިއަދު އަލުން އެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ހަތަރު ކުދިންނަށްވުރެ އިތުރުވާ ނަމަ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭ މާއްދާ އުނިކޮށްފަ އެވެ. އަދި ލިބޭނީ ޖުމްލަ ހަތަރު ކުދީންނާ ހަމައަށް ކުއްޖަކަށް 3،000 ރުފިޔާ ކަމުގައި ކަނޑައަޅާފައިވެ އެވެ.

އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާއަށް ދެވޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުން 211 މިލިޔަން ރުފިޔާ އެކަށައަޅުއްވާފައި ވާކަމަށް، މި އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްގެ ގޮތުގައި، ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ މަގުން، ޖުމްލަ 11.7 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.

އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދޭ އެލަވަންސްގެ ގޮތުގައި މިހާރު ލިބެނީ އެއް ކުއްޖަކު ހުރިނަމަ 2،000 ރުފިޔާ އެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނަ ނަމަ ލިބެނީ ކުއްޖަކަށް 1،000 ރުފިޔާ އެވެ.