ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ދާއިމީ ހަތަރު މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް އިއުލާން ކުރި 15 މިސްކިތުގެ ތެރެއިން ފަސްވަނަ އަދި ހަވަނަ މިސްކިތް މިއަދު ހުޅުވިފައިވާ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ދާއިމީ ހަތަރު މިސްކިތެއް ހުޅުވޭނެ ކަމަށާއި، އަތޮޅުތަކުގައިވެސް ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ހެޔޮ އެދޭ ފަރާތްތަކާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކާއި ސަރުކާރުގެ މަޝްރޫއުތައް ހިމެނޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިއަދު އަލަށް ހުޅުވި އެއް މިސްކިތަކީ އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުން ބިނާކުރި "މަސްޖިދުއްރައްޔާން" އެވެ. 500 މީހުންގެ ޖާގައިގެ އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

މިއަދު ދެން ހުޅުވާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރި "މަސްޖިދުލްއީމާން" އެވެ. ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު އުވައިސް ބިން އިނާޒެވެ.