ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވި ފަހުން ފުރަތަމަ ކޮމާޝަލް ޖެޓު މިއަދު ޖައްސައިފި އެވެ.

މީގެކުރިންވެސް ބައެއް ޖެޓުތައް ތެޔޮއެޅުމަށް ހަނިމާދޫ އެއާޕޯޓަށް ޖައްސަ އެވެ.

މިއަދު ހެނދުނު ހަނިމާދޫ އެއާޕޯޓަށް ޖެއްސި ޖެޓަކީ ހައިޑަވޭ ބީޗް އެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ގެސްޓުން ގޮވައިގެން އައި ޖެޓެކެވެ. އެ ޖެޓުގައި 8 ފަތުރުވެރިން ތިބިކަމަށް މައުލޫމާތުލިބެ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައިވަނީ 15 ޖެޓު ޕާކުކޮށްފައި ބޭއްވޭނެ ގޮތަށެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން، 2022 ވަނަ އަހަރު ފެށި ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުއަކީ 136.6 މިލިއަން ޑޮލަރު ނުވަަތަ ދެ ބިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ އެއާޕޯޓު ތަރައްގީކޮށްފައިވަނީ 2465 މީޓަރުގެ ދިގު ރަންވޭއަކާއި، 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލަކާ އެކުގަ އެވެ.