ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން މިނިވަންކަމާއެކު ކުރުމަށް ޔޫތު މިނިސްޓްރީން އެކަން ކުރުން ހުއްޓުވައި އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާއި ހަވާލުކުރުމުން އެ ކޮމިޝަނުން އުސޫލު ކަނޑައަޅައި މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ. އަދި އެ އެހީއަށް އެދުމަށް ހުޅުވާލާފައިވެ އެވެ.

މާލީ އެހީތެރިކަމަށް އެދުމުގެ ފަހު ތާރީހަކީ މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މީޑިއާތަކަށް ދޭ އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހަޅަން ޖެހެނީ ވަންގަވް ގެ ތެރޭގައި ގާއިމްކޮށްފައިވާ މީޑިއާ އެޕް މެދުވެރިކޮށެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމު ކުރި އުސޫލުގައި އެންމެ ބޮޑު ތަފާތަކަށް ފާހަގަކުރެވެނީ ރަޖިސްޓްރީ ކޮށްގެން ހިންގާތާ އެއް އަހަރު ވެއްޖެނަމަ މީޑިއާއަކަށް މާލީ އެހީ ދެވޭ ގޮތަށް ބަދަލު ކުރުމުވެ. މީގެ ކުރިން އޮތް ގޮތުންނަމަ މި އެހީ ލިބިގެންދަނީ ރަޖިސްޓްރީކޮށްގެން ހިންގާތާ ތިން އަހަރު ވުމުންނެވެ.

މީޑިއާތަކަށް ފައިސާގެ އެހީ ދެނީ މާކްސް ދީގެން ޕޮއިންޓް އުސޫލުންނެވެ. އެގޮތުން މީޑިއާއެެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި ހުށަހަޅާ ބިޒްނަސް ޕްލޭން އަދި ކޮންޓެންޓްގެ ބާވަތާއި މުވައްޒަފުންގެ ތައުލީމާއި ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމްތަކަށް މާކްސް ދޭނެ އެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅައި ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިމޭތާ ލަސްވެގެން 1 ދުވަހުގެ ތެރޭ އެ މީޑިއާއަކަށް ފައިސާ ދޫކުރުމަށް ޔޫތު އެންޑް އާޓްސް މިނިސްޓްރީއަށް ފޮނުވޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްއަށް މަދުވެގެން 60 ޕޮއިންޓު ހަމަވާން ޖެހޭއިރު ޕޮއިންޓް ލިބޭ ދާއިރާތަކާއި ކަންކަން އަދި ލިބޭ މިންވަރުވެސް ބަޔާންކޮށްފައިވެ އެވެ.