ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 150ށް ވުރެ ގިނަ ތަން ތަރައްގީކުރެވެމުންދާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރު އަލަށް ތަރައްގީކުރާ ރިސޯޓްތަކުގެ ތެރެއިން 3 ރިސޯޓެއް ހުޅުވާފައިވާކަމަށެވެ. މިއަހަރު އަލަށް ހުޅުވި 3 ރިސޯޓަކީ އއ. އެތެރެމަޑިވަރު، ކ. ފޭދޫފިނޮޅު އަދި ޅ. މެއްޔަފުށްޓެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތު 178 ރިސޯޓުން ޚިދުމަތްދެމުންދާކަމަށާއި 167 ލިވްއަބޯޑް، 16 ހޮޓެލް ، 969 ފެސްޓް ހައުސް އިން ޚިދުމަތް ދެމުންދާކަމަށެވެ. މިއީ ޖުމްލަ 67،229 އެނދުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރު އައިފަހުން 6،665 އެނދު ރަޖިސްޓްރީކޮށްފައިވާއިރު މިސަރުކާރުގެ ތެރޭގައި 6 ރިސޯޓެއް އަލަށް ރަޖިސްޓްރީކޮށްފައިވާކަމަށާއި 22 ލިވްއަބޯޑް، 3 ހޮޓެލް ، 197 ގެސްޓް ހައުސް އާއި 45 ޑައިވް ސެންޓަރ އަދި 50 ހޯމްސްޓޭ އާއި 391 ޓްރެވެލަ އެޖެންސީ އެއް ރަޖިސްޓްރީކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު އަލަށް އަމަލުކުރަމުން އަންނަ ޓޫރިޒަމްގެ ފަސް ވަނަ މާސްޓަރ ޕްލޭންގެ ދަށުން އަމާޒަކީ ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުންކަމަށެވެ.

މިދިޔަ އަހަރު ޓޫރިޒަމުން 4.79 ބިލިއަން ޑޮލަރު ލިބިފައިވާއިރު މިއަހަރު މިހާތަނަށް 5.5 ބިލިއަން ޑޮލަރު ލިބިފައިވާކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިސަރުކާރު އައި ފަހުން ކްލޯޒް ބިޑިންގ ގެ ދަށުން ފަތުރުވެރިކަމަށް 13 ތަނެއް ކުއްޔަށް ދީފައިވާއިރު ކްރޮސް ސަބްސިޑީގެ ދަށުން 10 ތަނެއް އަދި އޯޕަން ބިޑްގެ ދަށުން 4 ތަނެއް ކުއްޔަށް ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ރިސޯޓް މަދު 6 އަތޮޅެއްގައި ރިސޯޓް ހެދުމުގެ މަޝްރޫޢުތައް އިއުލާންކޮށްފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.