ހުއްދަ ނުހޯދާ ސީ ޕްލޭން ޕްލެޓްފޯމްއެއް އެޅުމުން 20،000 ރުފިޔާއިން މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓަލް ރެގިޔުލޭޓަރީ އޮތޯރިޓީއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ މަންޓާއިން ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އާ ޚިލާފަށް ކަމަށެވެ. އެގޮތުން އެ ގަވާއިދުގެ 20 ވަނަ މާއްދާގައި ޖަދުވަލު ރ، ޔ އަދި ޓ ގައި ނުހިމެނޭ މަޝްރޫއުތަކުގެ ތެރެއިން ތިމާވެށްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫޢުތައް، އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން އެ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ސްކްރީންކޮށް، މި އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައިވެ އެވެ.
ނަމަވެސް، އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތް މަންތާއިން ކޮށްފައިވަނީ އެ މަރުހަލާތައް ފުރިހަމަ ކުރުމަކާނުލައި ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން އެ މައްސަލަ މި އޮތޯރިޓީން ބެލުމަށްފަހު ގަވާއިދުގެ 20 ވަނަ މާއްދާގެ ހ ގެ ދަށުން، އެ ގަވާއިދުގެ ޖަދުވަލު ޖ ގައި ބަޔާންކޮށްފައިވާގޮތަށް ކުށް ކުރި ފުރަތަމަ ފަހަރަށް ވާތީ 20،000.00ރ. (ވިހި ހާސް ރުފިޔާ) އިން މާންތާ ޖޫރިމަނާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
މަންތާ ޖޫރިމަނާކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އެހެންކަމުން، ޑިސެމްބަރު 21އިން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ބަނޑޭރި ޕޭ މެދުވެރިކޮށް ޖޫރިމަނާ ފައިސާ އެ އޮތޯރިޓީއަށް ދެއްކުމަށް އަންގާފައިވެ އެވެ. އަދި މަންތާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ގަވާއިދު ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދެވުމަށް އޮތީރިޓީއިން ނަސޭހަތްތެރިވެފައިވެ އެވެ.