ވިމެންސް ކާވާ ކަޕްގެ ޑްރީމް ޓީމުގައި ދިވެހި ހަތަރު ކުޅުންތެރިން ހިމެނިއްޖެ އެވެ.

ހަތް ކުޅުންތެރިންގެ މައްޗަށް ހޮޮވާ ޑްރީމް ޓީމުގައި ހިމެނޭ ރާއްޖެ ޓީމުގެ 4 ކުޅުންތެރިންނަކީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި، ފާތިމަތު ޖޫޒާން ޒަރީރާއި، އައިމިނަތު ޝަހާ ޝާމިން އަދި ނަރީމާ އިދުރީސް (ނަންނި) އެވެ. ޑްރީމް ޓީމުގައި ދެން ހިމެނުނީ ކިރްގިސްތާންގެ ބޮލޮޓްބެކޯވާ ނޫރްޒަމާލް އާއި އަމިރަކުލޯވާ ސައިކާލް އަދި އެ ޓީމުގެ ލިބަރޯ ސެއިޓްބްލޯވާ އަސޭމާ އެވެ.
ފައިނަލްގައި ރާއްޖެ ބަލިވީ ފަހަތުން އަރައި 3-1 ސެޓުން ކިރްގިސްތާނުން މެޗު ކާމިޔާބު ކުރުމުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަަތަމަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ، 25-20 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް ޖެހިގެން އައި ތިން ސެޓުގެ ޕްރެޝަރ ވަގުތުތަކުގައި ރާއްޖޭގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔަ އިރު، އޭގެ ފައިދާ ނަގައި ކިރްގިސްތާނުން ވަނީ އެ ތިން ސެޓު ގެންގޮސްފަ އެވެ. އެ ސެޓުތައް ދިޔައީ، 22-25، 17-25 އަދި 21-25 އިންނެވެ.
މުބާރާތުގެ ލީގު ބުރުގައި، ފަހަތުން އަރައި 3-1 ސެޓުން ރާއްޖެއިން ކިރްގިސްތާން ބަލިކުރި އެވެ. ނަމަވެސް ރޭ ކިރްގިސްތާނުން ވަނީ ރާއްޖޭގެ ކިބައިން ބަދަލުހިފައި ތަށި އުފުލާލައިފަ އެވެ.
ރޭގެ މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. އެކަމަނާގެ އަރިހުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިފަހަރުގެ މުބާރާތުގެ ތިންވަނަ ޓީމަކީ ބަންގްލަދޭޝް އެވެ. ބަންގްލަދޭޝުން ތިންވަނަ ހޯދީ އިއްޔެ ހަވީރު ސީދާ ތިން ސެޓުން އަފްގާނިސްތާން ބަލިކޮށްގެންނެވެ.
ރަން މެޑަލް ހޯދުމުގެ އަމާޒުގައި މި މުބާރާތަށް ނުކުތް ރާއްޖެއަށް އެކަން ނާކާމިޔާބު ވީނަމަވެސް، ރާއްޖެ ޓީމުން ވަނީ ޖުމްލަކޮށް މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ރާއްޖެ ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ރާއްޖެ ބަލިވީ ކިރްގިސްތާން އަތުންނެވެ.