އަމާނާ ތަކާފުލްގެ ކުދި އަދި މެދު ފަންތިއަށް ހާއްސަ ހެލްތު އިންޝުއަރަންސްއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަމަށް އަމާނާ ތަކާފުލްގެ ޑެޕިޔުޓީ ސޭލްސް މެނޭޖަރު މުޖާހިދު މަޖީދު ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މި އިންޝުއަރަންސްއާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާ މުޖާހިދު ވިދާޅުވީ މިއީ ރާއްޖެއަށް ބަލާއިރު ވަރަށް މުހިންމު އިންޝުއަރަންސް އެއް ކަމަށެވެ. އެގޮތުން ވަކި ވަކި ފަރުދުން އިންޝުއަރަންސް ހިދުމަތް ހޯދުމަށް އެދެމުން ދާ ކަމަށާއި މިއީ އެފަދަ މީހުންނަށް ވެސް ލުއި ފަސޭހަ ކޮށްދިނުމަށް ތައާރަފްކޮށްފައިވާ އިންޝުއަރަންސްއެއް ކަމަށް މުޖާހިދު ވިދާޅުވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިންޝުއަރަންސްއެއްކަމުން މި އިންޝުއަރަންސްގައި ރަޖިސްޓްރީކުރުމަށް މާ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ބޭނުން ނުވާނެ ކަމަށް ވިދާޅުވި އެވެ. މުވައްޒަފުންގެ އަނބިދަރިން ހިމެނޭހެން އެންމެ 5 މީހުންނާއެކު ވެސް މި އިންޝުއަރަންސްގައި ރަޖިސްޓްރީކުރެވޭނެ ކަމަށް މުޖާހިދު ވިދާޅުވި އެވެ.
މުޖާހިދު ވިދާޅުވީ މި އިންޝުއަރަންސްގެ ދަށުން އެނދުމަތިނުކޮށް އަދި އެނދުމަތިކޮށްގެން ދެވޭ ފަރުވާގެ ހިދުމަތްތައް ވެސް ކަވަރު ކުރާނެ ކަމަށެވެ. މީގެ ތެރޭގައި ތެރޭގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ނަފްސާނީ ބަލިތަކާއި ފިޒިއޮތެރަޕީ އާއި ދަތުގެ ފަރުވާ، ހިތާނު ކުރުމާއި ޕްރައިވެޓް ކޮޓަރީގެ ހަރަދުތައް ވެސް ހިމެނެ އެވެ. މި ނޫނަސް އިތުރު ހިދުމަތްތައް މި އިންޝުއަރަންސްއިން ކަވަރު ކުރެ އެވެ.
މި އިންޝުއަރަންސްގެ ހިދުމަތް ރާއްޖޭގެ އިތުރުން އިންޑިއާ އަދި ލަންކާއިން ހޯދާ ފަރުވާތަކަށް ވެސް ލިބިގެން ދާނެ ކަމަށް މުޖާހިދު ވިދާޅުވި އެވެ. މި އިންޝުއަރަންސްގެ ތެރެއިން ކޭޝްލެސް ކޮށް އަދި ރީއިމްބާސްމަންޓްކޮށް ބަދަލު ހޯދުމަށް އެދެވޭނެ ކަމަށް މުޖާހިދު ވިދާޅުވި އެވެ.
މި ތަކާފުލްއަށް އެޕްލައި ކުރުމަށް ތަކާފުލް އަށް އެދޭ ފޯމާއެކު ބައިވެރިވާ މުވައްޒަފުންގެ ލިސްޓާއި ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަން ޖެހޭނެ އެވެ.