ފުލުހުންނަށް ހުށަހަޅައިފައިވާ މައްސަލަތަކަށް ބަލާލާއިރު އެންމެ ގިނައިން ހުށަހަޅަނީ ވައްކަމުގެ މައްސަލަތައް ކަމަށާއި އެގޮތުން އެންމެ ގިނައިން ހުށަހަޅަނީ ސައިކަލު ވަގަށް ނަގައިގެންކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޝީދު ވިދާޅުވީ ވައްކަމުގެ މައްސަލަތައް ގިނަ ވުމަށް ދިމާވާ މައިގަނޑު ދެ ސަބަބެއް ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން ފުރަތަމަ ސަބަބަކީ ތަކުރާރުކޮށް ކުށް ކުރާ ފަރާތްތައް ކަމަށް ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ ތަކުރާރުކޮށް ކުށް ކުރާ 1000 މީހުން ފާހަގަވެފައިވާކަމަށެވެ. އަދި މި ހުރިހާ ވައްކަމެއްގައިވެސް ޝާމިލު ވަނީ މި 1000 މީހުންކަމަށް ރަޝީދު މައުލޫމާތުދެއްވިއެވެ.

މީގެ އިތުރުން ރަޝީދު ވިދާޅުވީ ވައްކަން ގިނަވާން ދިމާވާ ދެވަނަ ސަބަބަކީ ވައްކަން ކުރުމަށް މަގުފަހިވާގޮތަށް ކަންކަން ހުރުންކަމަށެވެ. އެގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނި ސައިކަލުގެ ވައްކަމުގެ މައްސަލަތައް ކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

"އެންމެ ގިނައިން މި ހުށަހެޅެނީ ސައިކަލު ވައްކަން، މޮޓޯސައިކަލު ވައްކަން، މޮޓޯސައިކަލު ވައްކަމުގަ ސެޓަލޮކު ނުލާ ހުރުމުގެ ސަބަބުން ތަޅުދަނޑިޖަހާލައިގެން ވައްކަން ކުރާ މައްސަލަ ވަރަށް ގިނަވޭ. ދެން ސައިކަލުން ވައްކަން ކުރުން، މަޑިދަށަށް އަގު ހުރި އެއްޗެހި ލާފަހުރުމުގެ ސަބަބުން ކުރާ ވައްކަމާ، ވަށިގަނޑުގަ ހަނދާންނެތިގެން ބާއްވާފަދެވުމުން ކުރާ ވައްކަމާ، މިކަހަލަ ކަންކަން ވަރަށް ގިން ކަން ފާހަގަކުރެވޭ"

އަބްދުﷲ ރަޝީދު/ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް

ހަމައެކަނި މާލެއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 41 އިންސައްތަ އަކީ ވައްކަމުގެ މައްސަލަތައް ކަމަށް ރަޝީދު ވިދާޅުވިއެވެ. އެއީ އަދަދުން ބަލާނަމަ 1425 (އެއްހާސް ހަތަރުސަތޭކަ ފަންސަވީސް) މައްސަލައެވެ. އަދި އެ ވައްކަމުގެ ތެރެއިންވެސް 67.9 އިންސައްތަ އަކީ މޮޓޯ ސައިކަލު ވައްކަމާ ގުޅޭ ވައްކަން ކަމަށާއި އެއީ އަދަދުން ބަލާނަމަ 967 މައްސަލަކަމަށް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރަޝީދު ވިދާޅުވީ 23.9 އިންސައްތަ ވައްކަމަކީ މޯބައިލް ފޯނު ވަގަށް ނެގުންކަމަށެވެ. އެއީ އަދަދުން ބަލާނަމަ 341 މައްސަލަ ކަން ފާހަގަކުރެވެއެވެ. އަދި 1.26 ވައްކަމަކީ އިލެކްޓްރޯނިކްސް އާ ބެހޭ އާލާތްތައް ވަގަށްނެގުން ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދަދުން ބަލާ ނަމަ އެއީ 18 މައްސަލައެކެވެ.

ހަމަ މިއާއެކު ޖުމްލަ މާލެއަށް ހުށަ ހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގެ 93.06 އިންސައްތަ އަކީ މި ތިން ބަޔަށް ފެތޭ ވައްކަންކަމަށް ރަޝީދު މައުލޫމާތުދެއްވިއެވެ.

މީގެ އިތުރުން ސައިކަލު ހޯދައިދިނުމަކީ ހާއްސަ ސަމާލުކަމެއްދީގެން ކޮށްދޭކަމެއް ކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

"ސައިކަލު ހޯދައިދިނުމަކީ އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއްދީގެން ކުރާ ކަމެއް. އެގޮތުން މިހާތަނަށް 967 ސައިކަލު ގެއްލުނު އިރުގަ އަޅުގަނޑުމެން ވާނެ 1865 ސައިކަލު ހޯދަދީފަ. އެއީ 89.5 ޕަސެންޓު، ގެއްލުނު ސައިކަލުގެ. އެއޯ ގާތްގަނޑަކަށް ސްޓްރީޓް ވެލިއިން ލާރިއަށް އަށް ބަލާލާއިރު 47 މިލިއަނެއް ހާ ރުފިޔާ"

އަބްދުﷲ ރަޝީދު/ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް

ހަމަމިއާއެކު ހުރިހާ ވައްކަމަކުން 50 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ހޯދައިދިފައިވާނެކަމަށް ރަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރަޝީދު ވަނީ މަޑި އަޑީގައި އަގު ހުރި ތަކެތި ނުބެހެއްޓުމަށްށާއި ސައިކަލު ތަނެއްގައި ބަހައްޓާނަމަ ޝަޓާ ލޮކު އަޅުވާފައި ބެހެއެއްޓުމަށާއި ގިނަ ދުވަހަށް ބަހައްޓާނަމަ ސައިކަލު ބެލެހެއްޓުމަށް މީހަކަށް ހަވާލުކުރުމަށާއި ގެތަކުގެ ދޮރުތައް ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.