ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތްކުރަމުންދަނީ ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމަކުންނެވެ.

މި ޓީމުން ސާރވޭއާއި ޑިޒައިންގެ މަސައްކަތްތައް އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޖެނެރަލް ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން އެ ތަނުގެ ޑީޓެއިލްޑް ޑިޒައިން ހެދުމަށް ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ މި ހޮސްޕިޓަލުގައި ދެ އިމާރާތް ހުންނާނެއެވެ. އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތައްވެސް ހުންނާނެއެވެ.