ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތްކޮށް ނިންމި މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިމިސްކިތް ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގައިކަމަށެވެ. އެމިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒުއެވެ.
މިމިސްކިތަކީ 1200 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހުރި މިސްކިތެކެވެ. 3 ފުލޯއަށް އިމާރާތްކޮށްފައިވާ މިމިސްކިތް ބިނާކޮށްދެއްވީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އާބާދީ އިތުރުވަމުން އަންނައިރު އެސަރަހައްދަށް މިސްކިތްތައް ބޭނުންވާކަމަށް ފޭސް 2 ގައި ދިރިއުޅޭ ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ރާއްޖޭގައި ދެ މިސްކިތް ހުޅުވާފައިވާ ކަމަށެވެ. އެހެންވެ، ރޯދަމަހުގެ ކުރިން ހުޅުވާނެ ކަމަށް އިއުލާނުކުުރި 15 މިސްކިތުގެ ތެރެއިން ހަ މިސްކިތް މިހާރު ހުޅުވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި އިތުރު ދާއިމީ ހަތަރު މިސްކިތް ހުޅުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ހުޅުމާލެ ދާއިމީ 4 މިސްކިތް ހުޅުވިގެންދާނެކަމަށް މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވިއެވެ. އަދި އަތޮޅުތަކުގައި ވެސް ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެކަމަށާއި ހުޅުވިގެންދާ މިސްކިތްތަކުގެ ތެރޭގައި ހެޔޮ އެދޭ ފަރާތްތަކާ މިނިސްޓްރީ ގުޅިގެން ގެންދާ މަޝްރޫޢުތަކާއި ސަރުކާރުގެ މަޝްރޫޢުތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 މިސްކިތެއްގެ މަޝްރޫއު ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި މާލޭގައި އަޅަމުންދާ މިސްކިތަކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މިސްކިތްތަކެއް ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފަައިވެއެވެ.