އިސްލާމީ އުންމަތް މި އަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުންކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "އިސްލާމީ ޙަޟާރަތުގެ ރަންޒަމާން" މި މައުޟޫއުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ އިސްލާމީ ޙަޟާރަތު ފެށުނީ، ކީރިތި ރަސޫލާ(ޞ) އަށް ވަޙީބާވައިލައްވާން ފެށުނު ހިސާބުންނެވެ. އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކެވެ. އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތަކެވެ. އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ(ޞ) އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން، އިސްލާމީ ޙަޟާރަތު ކުރިއަރައި ދިޔައީ، ވަރަށް ވެސް ހަލުވި ދުވެއްޔެއްގައިކަމުގައެވެ.
އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާއި، ޝަރުޢީ، ޙުކުމްތަކާއި، ރިވެތި އަޚްލާޤު ހިމެނެއެވެ. ބިން އާރާސްތުކުރުމާއި ޢިލްމު އުނގެނުމަކީ އެ މީހުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ޤަބޫލުކުރިކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މި ކައުނުގައި މާތް ﷲ ލައްވައިފައިވާ ކަންކަމާއި ތަފާތު އެކި މަޚްލޫޤުންނާ މެދު ވިސްނައިފިކުރުކުރުމަށް ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އެކަލާނގެ އަންގަވައިފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޅަ ޢުމުރުގައި ޤުރްއާނާއި ޙަދީޘް ޢިލްމު އުނގެނި، އޭގެ އިތުރަށް ދުންޔަވީ ޢިލްމުގެ ހޯދުންތަކަށް އެ ބޭކަލުން ވަގުތުތައް ހުސްކުރެއްވީ، އަމިއްލަ ވާޖިބެއްކަމުގައި ދެކިވަޑައިގެންނެވެ. ނަމަވެސް މިއަދުގެ ހާލަތަށް ވިސްނާލުމަށް ޚުތުބާގައި ގޮވާލިއެވެ.
މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، ކުރީން ބުނެވުނު އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެންކަމަށް ޚުތުބާގައި ބުންޏެވެ.
ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެކެވެ. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި އެބައިމީހުންގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ(ޞ( މަނާކުރައްވައިފައިވާ ކަމެއްކަމަށްވެސް ޚުތުބާގައި ބުންޏެވެ.