އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ފާއިތުވި ދެ އަހަރު ތެރޭ ވެސް 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.
މީގެ ތެރޭގައި މަސްވެރިކަމާއި މެރިކަލްޗާ އަދި އަންހެނުންނަށް ހާއްސަ ލޯނުތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.އޭގެ އިތުރުން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ނުވަތަ ޕޭމަންޓްގެ ގޮތުގައި ވިޔަފާރިތަކުގެ އެކި ބިލުތަކަށް 13 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. މީގެ ތެރެއިން 5 ބިލިއަން ރުފިޔާއަކީ ސީދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދެއްކި ފައިސާ ކަމަށް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ އަންނަ އަހަރު ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. ދާދި ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށްފަހު ވިޔަފާރިވެރިންގެ ވާހަކަތައް އަޑު އައްސަވައި ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށެވެ.
މީގެ ތެރޭގައި ސީދާ ވިޔަފާރިވެރިން ހިއްސާ ކުރެއްވި ކަންބޮޑުވުންތައް ހިމެނޭކަމަށް ސައީދު ވިދާޅުވި އެވެ.