ތަރިކައަކީ ޤައުމެއް ދެމިއޮތުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ބެހޭ ހަރަކާތްތައް ޝަރަފުވެރުކޮށްދެއްވުމަށް ބ.ތުޅާދޫއަށް ވަޑައިގެން، ރޭ ބ.ތުޅާދޫއިން ރ.މީދޫގެ ރައްޔިތުންނަށް ދެއްވި ޚާއްޞަ މަލާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރުގެ ވާހަކަފުޅުގައި ތަރިކައިގެ ދެ ބާވަތެއްކަމުގައިވާ އުމްރާނީ ތަރިކައާއި މާނަވީ ތަރިއަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މިގޮތުން ވަޒީރު ވިދާޅުވީ ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދާދޭ އެއްޗަކީ އެ ބައެއްގެ ތަރިކަ ކަމުގައި، މި ގޮތުން އެބައެއްގެ ނިޝާންތަކާއި އަސަރުތަކާއި އެ ބައެއްގެ ކާބަފައިންގެ ޤާބިލުކަމާއި ކުޅަދާނަކަމުގެ ރަމުޒުތަކާއި އެއިން ލިއްބަދޭ މާނަތަކުގެ އިތުރުން ކާބަފައިން އުފުއްލެވި ތަކުލީފުތަކާއި ވެދެއްވި ޤުރުބާނީތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ގެނެސްދިނުން ކަމުގައެވެ.
މާނަވީ ތަރިކައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވެފައިވަނީ އެއްބަޔަކު އަނެއްބަޔަކާ ބަދަލުކުރައްވާ ވާހަކަފުޅުތަކާއި ހިއްސާކުރައްވާ ވާސްތާތަކުގެ އިތުރުން ތަޖުރިބާ ކުރައްވާ ތަޖުރިބާތަކަކީ މާނަވީ ތަރިކަ ކަމުގައެވެ. އެގޮތުން އެ ބައެއްގެ ހަނދާންތަކާއި ދިރުންތަކުން ގެނެސްދެނީ އެ ބައެއްގެ ޤައުމިއްޔަތު، އެ ބައެއްގެ އަޚުލާޤު އަދި އެ ބަޔަކީ ކޮންކަހަލަ އިޚްލާސްތެރި ހިތްތަކެއްގެ ބައެއްކަންކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި އަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ.ތުޅާދޫ ކައުންސިލާއި ރ. މީދޫ ކައުންސިލު ގުޅިގެން ދެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ޤަދީމީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރ. މީދޫ ރައްޔިތުން އެއްބައިވަންތަކަމުގެ ދަތުރެއް ބ. ތުޅާދުއަށް ވަނީ ކޮށްފައެވެ.