އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް 15،000 ރުފިޔާއާ ހަމައަށް އިނާޔަތް ލިބޭގޮތަށް އެލަވަންސް ބޮޑުކޮށްފި އެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ 1 ޖެނުއަރީ 2026 އިން ފެށިގެން ފަގީރު ހާލަތުގައި އުޅޭ އެކަނި ދަރިން ބަލަމުން އަންނަ މައިންނާއި ބަފައިންނަށް އެލަވަންސް ބޮޑުވެގެން ދާނެ ކަމަށެވެ.
އެގޮތުން 1 ޖެނުއަރީއިން ފެށިގެން މަހެއްގެ މައްޗަށް 4 ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ކުދިންގެ އަދަދު އެއަށް ވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭނެ ކަމަށް ހީނާ ވިދާޅުވި އެވެ.މިގޮތަށް ދެވޭނެ އެންމެ ބޮޑު އަދަދަކީ 15،000 ރުފިޔާކަމަށް ހީނާ ވިދާޅުވެފައިވެ އެވެ.
މި އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާއަށް ދެވޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުން 211 މިލިޔަން ރުފިޔާ އެކަށައަޅުއްވާފައިވާކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްގެ ގޮތުގައި، ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ މަގުން، ޖުމުލަ 11.7 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް ރައީސް އޭރު ވިދާޅުވިއެވެ.
އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދޭ އެލަވަންސްގެ ގޮތުގައި މިހާރު ލިބެނީ އެއް ކުއްޖަކު ހުރިނަމަ 2،000 ރުފިޔާއެވެ، އަދި އެއް ކުއްޖަކަށް ވުރެ ގިނަ ނަމަ ލިބެނީ ކުއްޖަކަށް 1،000 ރުފިޔާއެވެ.