ކުރިން އެކުލަވާލާފައިވާ އުސޫލު ބަދަލުކޮށް މީޑިއާއެއް ހިންގާތާ އަހަރެއް ފުރިހަމަވުމުން މާލީ އެހީ ދޭ ގޮތަށް މީޑިއާތަކަށް ފައިސާ ދޭ އުސޫލު ބަދަލުކޮށްފި އެވެ.

މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން މިނިވަންކަމާއެކު ކުރުމަށް ޔޫތު މިނިސްޓްރީން އެކަން ކުރުން ހުއްޓުވައި އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާއި ހަވާލުކުރުމުން އެ ކޮމިޝަނުން އުސޫލު ކަނޑައަޅައި މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ.

އެ އުސޫލުގައި އެންމެ ބޮޑު ތަފާތަކަށް ފާހަގަކުރެވެނީ ރަޖިސްޓްރީ ކޮށްގެން ހިންގާތާ އެއް އަހަރު ވެއްޖެނަމަ މީޑިއާއަކަށް މާލީ އެހީ ދެވޭ ގޮތަށް ބަދަލު ކުރުމުވެ. މީގެ ކުރިން އޮތް ގޮތުންނަމަ މި އެހީ ލިބިގެންދަނީ ރަޖިސްޓްރީކޮށްގެން ހިންގާތާ ތިން އަހަރު ވުމުންނެވެ. 2024 ޖެނުއަރީ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަން ފަށާފައިވާ މީޑިއާއެއް ނަމަ އަހަރު ދުވަސްވުމުން ފައިސާ ލިބުމަށް ޝަރުތު ފުރިހަމަ ވާނެ އެވެ.

މީޑިއާތަކަށް ފައިސާގެ އެހީ ދެނީ މާކްސް ދީގެން ޕޮއިންޓް އުސޫލުންނެވެ. އެގޮތުން މީޑިއާއެެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި ހުށަހަޅާ ބިޒްނަސް ޕްލޭން އަދި ކޮންޓެންޓްގެ ބާވަތާއި މުވައްޒަފުންގެ ތައުލީމާއި ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމްތަކަށް މާކްސް ދޭނެ އެވެ.

އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގާނަމަ ކޮންމެ މީޑިއާއަކުން ވެސް އިތުރު އެއް މީޑިއަމް ހިމަނައިގެން ޕްރޮޕޯޒަލް ހެދޭނެކަމަށް އުސޫލުގައިވެ އެވެ. އަދި މިކަމާ ގުޅޭ މަރުހަލާތައް ކުރިއަށް ގެންދިޔުމަށް ކޮމިޝަނުން މިހާރު އޮންލައިން ޕޯޓަލް އެއް ވެސް ތައާރަފްކޮށްފައިވެ އެވެ. އެ ޕޯޓަލްއިން އެޕްލިކޭޝަން ހުށަހަޅަމުންދާ ވަރަކުން ވަގުތީ މާކުސް ފެނިގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅައި ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިމޭތާ ލަސްވެގެން 1 ދުވަހުގެ ތެރޭ އެ މީޑިއާއަކަށް ފައިސާ ދޫކުރުމަށް ޔޫތު އެންޑް އާޓްސް މިނިސްޓްރީއަށް ފޮނުވޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްއަށް މަދުވެގެން 60 ޕޮއިންޓު ހަމަވާން ޖެހޭއިރު ޕޮއިންޓް ލިބޭ ދާއިރާތަކާއި ކަންކަން އަދި ލިބޭ މިންވަރުވެސް ބަޔާންކޮށްފައިވެ އެވެ.

ދައުލަތުން މީޑިއާތަކަށް ދޭ ފައިސާ ލިބޭ މީޑިޔާތަކުގެ ލިސްޓު ކުރިން އާންމު ކުރި އިރު ލިސްޓުގައިވާ ގޮތުން 18 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ލިބިގެންދެ އެވެ. އޭގެ ތެރެއިން އެއް މީޑިއާ އަކަށް އެންމެ ގިނައިން ލިބެން އޮތީ ޔޫތު މިނިސްޓަރުގެ ހިއްސާ އޮންނަ ސަންގު ޓީވީ އަދި ސަންގު އޮންލައިން އަށެވެ. ސަންގު ޓީވީ އަށް 3.8 މިލިއަން އަދި ސަންގު އޮންލައިން އަށް 1.3 މިލިއަން ރުފިޔާ ދިނުމަށް އޮތީ ހަމަޖެހިފަ އެވެ.

ސަން އޮންލައިން އަދި އެސްއެސްޓީވީއަށް ޖުމްލަކޮށް 4.2 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ވީނިއުސް އަށާއި ވީޓީވީއަށް ޖުމްލަކޮށް 4.1 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.