ބަންކަރިން ހިދުމަތުން މިހާތަނަށް 282 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 282،150،591 (ދުއިސައްތަ އަށްޑިހަ ދެ މިލިއަން އެއް ލައްކަ ފަސްހާސް ފަސްސަތޭކަ ނުވަދިހަ އެއް ރުފިޔާ) މިހާތަނަށް ލިބިފައިވާ ކަމަށެވެ.

މީގެ ކުރިން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ބަންކަރިންގެ ހިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވަނީ އެހާތަނަށް 192،149،939 ރުފިޔާ (12 މިލިއަން ޑޮލަރުގެ)ގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އަދި ޓެކްސްގެ ގޮތުގައި 24 މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 90 މިލިއަން ރުފިޔާގެ އިތުރުވުމެއް އަނެއްކާ ވެސް މިއީ، އެންމެ ހިތްހަމަ ޖެހޭ ކަމަކީ މީގެ ތެރެއިން 76 އިންސައްތަ ޕްރޮޑަކްއަކީ ރާއްޖެއަށް މުޅިން އަލަށް ގެނެސްގެން ބަންކަރ ކުރެވޭ ޕްރޮޑަކްޓްތަކަށް ވުން

ސައީދު

ސައީދު ވިދާޅުވީ މިއީ މި ސަރުކާރުން ފެށި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މި މަސައްކަތް ހުއްޓައި ނުލާނެ ކަމަށާއި މިކަމުގެ މުސްތަގްބަލް އަދިވެސް އޮތީ ކަމަށް ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ، 231،00،000ރ އާއި 308,400,000ރ އާ ދެމެދުގެ އަދަދެކެވެ.

އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ބޭނުންކުރަމުންދަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް އަހަރެއް ތެރޭ މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން މީގެ ކުރިން ލަފާކޮށްފައިވެ އެވެ.