ސްކޫލްތަކުގެ ދަރިވަރުން ހަތަރު އަހަރު ފަހުން ޑިސެމްބަރ މަހު ބޮޑު ޗުއްޓީއަށް ގޮސްފިއެވެ.
ކުރީގެ ސަރުކާރުން އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރު ފަށާ ގޮތަށް ހަދައި ބޮޑު ޗުއްޓީ ބަދަލުކުރުމުން، ބައެއް ބެލެނިވެރިންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ޑިސެމްބަރަށް ބަދަލުކުރީ މި ސަރުކާރުގައެވެ. ހުރިހާ ސްކޫލެއްގައި ވެސް ދިރާސީ އަހަރުގެ ކިޔެވުން ނިންމައި މިއަދު ވަނީ ރިޕޯޓް ފޮތް ދީފައެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ ޖެނުއަރީ 27ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.
ޕްރީސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ކިޔަވަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިއަދު ބޮޑު ޗުއްޓީއަށް ގޮސްފައިވާއިރު އަންނަ ދިރާސާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހު 10ގެ ކުރިން ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ. ދިރާސީ އައު އަހަރު ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަކީވެސް ތަޢުލީމީ ވުޒާރާގެ އަމާޒެއް ކަމުގައި ވަޒީރު ހާމަ ކުރެއްވިއެވެ.