އަންނަ އަހަރު ދިވެހި ދައުލަތުގެ ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަންޏާއި ސުކޫކަށް ދައްކަން ޖެހޭ ފައިސާ ހިމެނޭހެން އަންނަ އަހަރު ދައްކަން އޮތް ބޮޑު ދަރަނި އަދާކޮށް އެކަމުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރާވާފައި އޮތް ގޮތް އެނގިފައި އޮންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރީ 205 މިލިއަން ޑޮލަރު ކަމަށެވެ. އަންނަ އެޕްރީލް މަހު ސުކޫކު ޕޭމަންޓަށް އެކަނި 525 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.
އަންނަ އަހަރު ދައްކަންޖެހޭ އެހެން ދަރަނިހުރިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ކޮންމެހެން އިމްޕޯޓްކުރަންޖެހޭ ތަކެތީގެ އަގުވެސް އަދާކުރަންޖެހޭނެކަމަށެވެ. ނަޝީދުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކަމުން މިދަތިތަކުން އަރައިގަތުމަށް ދިވެހި ދައުލަތުން އިތުރު ބޮންޑެއް ވިއްކުމަށް ދަތިވާނެކަމަށެވެ.
" ބޭރު ގައުމަކުން އެހީ ހޯދާނަމަ އެކަން އޮންނަންވާނީ މިހާރު ކަށަވަރުވެފައި. ވީމާ މިދަތިން އަރައިގަތުމަށް ސަރުކާރު ރާވާ ގޮތަކީ، ސްޓްރެޓެޖީއަކީ ކޮބައިކަން އެނގިފައި އޮތުން ބޭނުން" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
މޫޑީޒްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން Caa2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ވަނީ މިދިޔަ ނޮވެމްބަރ މަހު ބަދަލުކޮށްފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަމުންދިޔަ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ ދަރަނީގެ މައްސަލަ ހައްލުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ދަތުރުކުރައްވައިގެން ދަރަނިތަކަށް ލުއިތައް ހޯއްދަވައިދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އެކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ސަރުކާރުގެ ވިސްނުމަކީ ސުކޫކު ރީފައިނޭންސް ކުރުމެވެ. އަދި ސޮވްރިން ޑިވެލޮޕްޕަމަންޓް ފަންޑުގައި ހުރި ފައިސާ ބޭނުންކުރުމަށްވެސް ސަރުކާރުން ވަނީ ރާވާފައެވެ.
އަންނަ އަހަރަކީ ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް އެންމެ ގިނައިން ދައްކަންޖެހޭ އަހަރެވެ. އެގޮތުން އަންނަ އަހަރު 600 ބިލިއަން އެމެރިކާ ޑޮލަރު އަންނަ އަހަރު ދައްކަންޖެހެއެވެ. އެހެންވެ އަންނަ އަހަރުގެ 64.2 ބިލިއަން ރުފިޔާގެ ބަޖެޓްގައި 9.3 ބިލިއަން ރުފިޔާ ޚާއްސަކޮށްފައިވަނީ ސުކޫކާ ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދަށެވެ.