އުންމީިދަކީ ކާވާ ކަޕް 2025ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ބޯޅަ ޓީމު ފައިނަލަށް ދިއުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕް 2025 ގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
މިރޭ އޮންނަ ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަކީ، އުންމީދުކަން ފާހަގަކުރައްވާ ދިވެހި އެންމެހާ ރައްޔިތުން ޤައުމީ ޓީމާއެކު ތިބި ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މުބާރާތުގެ ފައިނަލްގައި ދިވެހިރާއްޖެ މިފަހަރުވެސް ބައްދަލުކުރަން ޖެހޭނީ، އެންމެފަހުގެ ފައިނަލްގައިވެސް ވާދަކުރި ކިރްގިސްތާނާއެވެ. މިއީ، ރާއްޖެއާއި ކިރްގިސްތާން މިމުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރެވެ.