ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ބަންދުން ދޫކޮށްލައިފިއެވެ.
ޕީޖީ އޮފީހުން ބުނީ ޝަމްއާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި އެދުނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައިގަނޑު ހެކި ނަގައިނިމިފައިވާތީ ހެއްކަށް ނުފޫޒުފޯރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނާތީ ކަމަށެވެ. ޝަމްއާން ބަންދުން ދޫކޮށްލީ ޝަރުތުތަކާއެކުއެވެ. އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލިކަމަށް ތުހުމަތުކޮށް، ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު މުވައްޒަފުންތަކުގެ މައްޗަށް ވެސް ދައުވާކުރިއެވެ. އެ މީހުން ވެސް މިހާރު ވަނީ މިނިވަންކޮށްފަ އެވެ.
ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. ޝަމްއާން ފްރޭމްކުރީ ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރ އަލީ އިހުސާންކަމަށް އޭނާގެ އާއިލާއިން ތުހުމަތުކުރި ނަމަވެސް ޝަމްއާން ފްރޭމްކޮށް އޭނާގެ ޝާރީއަތައް ނުފޫޒު ފޯރުވާފައިނުވާނެކަމަށް މިނިސްޓަރ އިހުސާން ޥަނީ ވިދާޅުވެފައެވެ.