ރަހީނުކޮށް މަރާލައި، ލަގެޖް ފޮއްޓަކަށް ލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ކުރި 17 އަހަރުގެ ކުއްޖާއަށް ކުރި ދައުވާތައް ސާބިތުވެ، 13 އަހަރަށް ކަރެކްޝަނަލް ފެސިލިޓީއަކަށް ލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ޖުވެނައިލް ކޯޓުން އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުވާ ކަމަށް ޙުކުމް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނީ 22 ޖޫން 2021ގެ ދަންވަރު 02:00 ހާއިރެވެ.
އެ މައްސަލައިގައި ދައުވާކުރީ ކުޑަކުއްޖަކަށާއި ނ. ލަންދޫ/ބަގީޗާގެ، އިބްރާހިމް ޒިހާންގެ މައްޗަށެވެ. އެ މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައި ވެއެވެ. ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާއި 10 މަހާއި ހަތް ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ހުކުމްކުރި އެވެ.
ނަމަވެސް، ޙުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާއި ހަތަރު މަހާއި ފަސް ދުވަސް ކަމަށް ޙުކުމުގައި ބުނެފައި ވެއެވެ. އަދި މީގެ އިތުރުން، ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ޙުކުމް ކޮށްފައި ވެއެވެ.
އަދި އޭނާ، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި ނުވަ ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ޙުކުމުގައި ވެއެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވެސް ޙުކުމުގައި ވެއެވެ. އެ މައްސަލައިގައި ދެން ދައުވާކޮށްފައިވާ ޒިހާނުގެ ބައި އަދިވެސް އޮތީ ކްރިމިނަލް ކޯޓުގައި ކަމަށާއި އެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.