ޑިސެންބަރު މަހާއި ޖަނަވަރީ މަހު ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ، މިއަހަރުގެ ޑިސެންބަރު މަހާއި ޖަނަވަރީމަހު ރާއްޖެއިން ޖުމްލަ 7726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ހަމަޖެހިފައިވަނީ، މިމަހުގެ 28 ވަނަ ދުވަހު އެވެ. އެދުވަހު އެކަނިވެސް 1049 ޢުމްރާވެރިން މައްކާއަށް ފުރަން ހަމަޖެހިފައި ވެއެވެ.

ޑިސެންބަރު މަހާއި ޖަނަވަރީ މަހު ޢުމްރާއަށް ދާ އެންމެ ފުރަތަމަ ގްރޫޕް މައްކާއަށް ފުރީ، މިމަހުގެ 21 ވަނަ ދުވަހު އެވެ. އެދުވަހު 262 ޢުމްރާވެރިން ފުރާފައި ވެއެވެ. އަދި އެންމެ ފަހު ގްރޫޕް ފުރަން ހަމަޖެހިފައިވަނީ، އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. އެދުވަހު 298 ޢުމްރާވެރިން ފުރަން ހަމަޖެހިފައި ވެއެވެ.

ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލެއް ހަދާފައިވެ އެވެ. އެގޮތުން އުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލު ކުރުމަށް ގެޒެޓްކޮށްފައިވާ އުޞޫލުތަކާއި، ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ޚިލާފްވާ ފަރާތްތަކަށް ނުވަތަ އެއަށް ޢަމަލު ނުކުރާ ފަރާތްތަކަށް ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.