ސްކޭމް މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދާ މިންވަރު 37 އިންސައްތައަށް އިތުރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި މައްސަލަ ހައްލު ކުރުމަށް، ސްކޭމް ސެންޓަރެއް ޤާއިމްކޮށް ފުލުހުން މަރުކަޒީ ގޮތެއްގައި މިމަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސްކޭމް މައްސަލަތައް ހުއްޓުވުމަށް ކުރި މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ފެށިފަހުން 10 މަސް ދުވަސް ހޭދަވެފައިވާއިރު، މިހާތަނަށް ޖުމްލަ 1663 މައްސަލައެއް އެ ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ބޮޑު އިންސައްތައެއް އަނބުރާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލަތަކުގައި 22.7 މިލިޔަން ރުފިޔާ ގެއްލިފައިވެއެވެ. މީގެ ތެރެއިން ފުލުހުން ވަނީ، 8.5 މިލިޔަން ރުފިޔާ ނުވަތަ ގެއްލުނު ފައިސާގެ 37 އިންސައްތަ އަނބުރާ ހޯދާފައެވެ. މީގެ ތެރޭގައި 539 މައްސަލައެއްގައި ގެއްލުނު ހުރިހާ ފައިސާއެއް ހޯދާފައިވާއިރު، 143 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ވަނީ ހޯދާފައެވެ. ފުލުހުން ވިދާޅުވީ، މިއަހަރުގެ މާރިޗު މަހު އެންޓި ސްކޭމް ސެންޓަރުން ޚިދުމަތް ދޭން ފެށުމުގެ ކުރިން ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ އެންމެ 2 އިންސައްތަ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ، 6 މައްސަލައަކަށް ދަޢުވާކޮށް، 662 މައްސަލައަކަށް ޙައްލު ހޯދައިދީ ބަންދުކޮށްފައެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އާދަމް ނަވީދު ވިދާޅުވީ، ފުލުހުން ފައިސާ އަނބުރާ ހޯދި މިންވަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށެވެ.