ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކަޕްގެ ސެމީ ފައިނަލްގައި ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި މިއަދު ހަވީރު 3-1 ސެޓުން އަފްގާނިސްތާންގެ މައްޗަށް ކުރިހޯދައި ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ކިރްގިސްތާނުންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި މިރޭ ކުޅުނު ދެވަނަ ސެމީގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ރާއްޖެ ޓީމަށް ގޯސްތަކެއް ހެދުނު ނަމަވެސް، ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް 25-17 އިން އެ ސެޓު ކާމިޔާބުކޮށްފަ އެވެ.
ދެވަނަ ސެޓު ފަށައިގެން ރާއްޖެއިން ވަރުގަދަ ކުޅުމެއް ދައްކައި ބޮޑު ލީޑެއް ނެގި އެވެ. ރާއްޖެއިން މި ސެޓު ގެނައީ 25-12 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި ތިންވަނަ ސެޓު ވެސް ނިމުނީ ހަމަ އެ ނަތީޖާއިންނެވެ.
ރަން މެޑަލް ހޯދުމުގެ އަމާޒުގައި މުބާރާތަށް ނުކުތް ރާއްޖެއިން ވަނީ ލީގު ބުރުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި، ސީދާ ތިން ސެޓުން ބަންގްލަދޭޝް އާއި އަފްގާނިސްތާން ބަލިކޮށްފަ އެވެ. އަދި މުބާރާތުގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ފާހަގަވި ކިރްގިސްތާން އަތުން ވެސް 3-1 އިން ރާއްޖެ މޮޅުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު އަފްގާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާނެ އެވެ. އަދި ރާއްޖެ އާއި ކިރްގިސްތާން ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާރޭގަ އެވެ.