ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ނިންމައިފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަ ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގ މަސައްކަތްތައް މިނިސްޓްރީން ކުރަން ހަމަޖެހިފައިވާކަމަށެވެ.
އެހެންކަމުން، ހޯމްލޭންޑް މިނިސްޓްރީން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއްނެތް ބިދޭސީން މި އިއުލާނުގައި އެޓޭޗްކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މި ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައި ވަނީނަމަ، އެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު، 1485 ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކޮށްގެން ލިބޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ހޯމްލޭންޑް މިނިސްޓްރީން ވަނީ ތައްޔާރުވެފަ އެވެ. އަންނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ މަރުހަލާގައި، ރަސްމީ ގޮތުން ހަވާލުވާނެ ބިދޭސީން ނެތް މީހުންނާއި ފިލައިގެން އުޅޭ ބިދޭސީންގެ ސައްހަ ވޯކް ޕާމިޓް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.