ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމު ކުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުށްވެރިކޮށްފި އެވެ.

ވައްކަމުގެ ތުހުމަތު ކުރެވުނު މީހަކު ބިންމައްޗަށް ވައްޓާލުމަށްފަހު ތަޅާ އަނިޔާ ކުރުމަށްފަހު މޫދަށް އެއްލާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެކަމާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމުނުކުރުމަށާއި، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއް ކަމުގައި ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އަދި އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދޭނެ ކަމެއް ކަމުގައި އެ ކޮމިޝަނުން ފާހަގަކުރެ އެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިފަދަ ކަންކަމުގެ ސަބަބުން ގާނޫނުގެ ބާރު ކެނޑި، ބަދަލުހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އަދި އަނިޔާވެރި އަމަލުތައް ދައްކުވައިދޭ މަންޒަރުތައް ފަތުރައި އިޝްތިހާރު ކުރުމަކީ އެފަދަ އަމަލުތަކަށް މުޖުތަމައު ހޭނި، އިންސާނީ ހަމްދަރުދީ ކެނޑިގެންދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއުން ވަނީ މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެދިފަ އެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން، އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި، ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެ އެވެ.