އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ހުރި ވޭޕް ނައްތާލައިފި އެވެ.

ފުލުހުން ބުނީ ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރޭޓެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވޭޕް އަދި ވޭޕް ކާޓްރިޖް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ.

ވޭޕް މަނާކުރި ތާރީހުން ފެށިގެން މިހާތަނަށް 185 މައްސަލައެއްގައި 73،000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރަން އުޅުނު، 24 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ސްޓިކްވެސް އަތުލައިގަނެފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.