ރާއްޖެއިން ބޭރުގައި، ޚާއްޞަކޮށް އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ދިވެހިން ގާއިމުވެތިބެގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިއަހަރު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ ދިވެހިން އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން ފުލުހުންނަށް ފަހަަކަށް އައިސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދިވެހިން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަނީ އިރުމަތީ އޭޝިއާގެ ކޮން ގައުމުތަކެއްގައި ތިބެގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އެފަރާތްތަކުން އެއާ ކާގޯ މެދުވެރިކޮށް، ސީ ކާގޯ މެދުވެރިކޮށް، އަދި ޚާއްޞަކޮށް، އިލެކްޓްރިކް އައިޓަމުތަކާއި ބަދިގޭގައި ގެންގުޅޭ ސާމާނުތަކުގެ ތެރޭގައި ހިމެނޭ އަވަނާ ތެލި ފަދަ އެއްޗެހީގެ ތެރޭގައި ކޮންސީލްކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން ފުލުހުންގެ ތަހްގީގުތަކަށް ފާހަގަވެފައިވާ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި ގާއިމުވެގެން ތިބިކަމުގައި ވިޔަސް، މިފަދަ ޖިނާޢީ ކުށްކުރާ ފަރާތްތައް އިންޓަޕޯޓް ރެޑް ނޯޓިސް ނެރެގެން ވިޔަސް، އަޅުގަނޑުމެން އެ ފަރާތްތައް ދިވެހިރާއްޖެއަށް ގެނެސްގެން އެ ފަރާތްތަކުގެ މައްޗަށް ތަޙުޤީޤު ހިންގާނެކަން. ޚާއްޞަކޮށް ޖިނާޢީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމާއި ނުވަތަ އެހީތެރިކަން ހޯދުމާ ބެހޭ ގާނޫނާއި އެކްސްޓަރޑިޝަން ގާނޫނުގެ ތެރެއިން އަޅުގަނޑުމެން އަވައްޓެރި ޤައުމުތަކާއި ދުނިޔޭގެ އެކި ޤައުމުތަކާ އެއްކޮށް މި ދަނީ ތަޙުޤީޤުގެ ތެރެއިން ވަރަށް ފުޅާ މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑުމެން އެ މަސައްކަތް އެގޮތަށް ކުރަމުންދާއިރުގައި ކުރިއަށް އޮތް ދުވަސްތަކުގައި ތިޔަބޭފުޅުންނަށް މި ދެންނެވި މަގުން ކަން ހިނގާ މަންޒަރު ފެނިގެންދާނެ." ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ ސްކޫލް ނިންމާފައި ތިބޭ، ވަޒީފާއަކަށް ނުގޮސް ތިބޭ ކުދިންނަށް އަމާޒުކޮށްގެން، ސޯޝަލް މީޑިއާގެ އެކި ގުރޫޕުތަކުގައި، ޚާއްޞަކޮށް، ކްލޯސް ގުރޫޕުތަކުގައި، މަސްތުވާތަކެތީގެ އެކި މުޢާމަލާތްތައް ކުރުމަށް ދަޢުވަތު ދިނުން ފަދަ ކަންކަން ވެސް މިހާރު ކުރިއަށްދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކަމަކީ ބެލެނިވެރިން ވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.