މޯލްޑިވްސް 2.0 އާއެކު ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދުމަށް ނުވަތަ ޚިދުމަތް އަވަސްކުރުމަށް އެކި ފަރާތްތަކަށް ގުޅައިގެން އާދޭސްކުރަން ޖެހުން ނިމުކަމަކަށް އަންނާނެކަމަށް ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ ދައުލަތުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނަށް މަގުފަހިވާ ހުރިހާ ދޮރެއް މިއާއެކު ބަންދުވެގެންދާނެކަމަށެވެ.
މޯލްޑިވްސް 2.0 އަކީ ރާއްޖެ ޑިޖިޓަލައިޒްކޮށް ސަރުކާރުގެ އެކި މުވައްސަސާތަކުން ރައްޔިތުންނަށްދޭ ޚިދުމަތްތައް އެއްވިއުގައެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިހާރުވެސް ބައެއް އިދާރާތަކުގެ މަސައްކަތްވަނީ މިވިއުގައާއި ގުޅާލާފައެވެ. މި މަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އިޙްސާން ވިދާޅުވީ ސަރުކާރުން ފޯރުކޮށްދެމުންދާ 200 އެއްހާ ޚިދުމަތް ވިއުގައާއި ގުޅާލެވިފައިވާއިރު ސަރުކާރުގެ 14 އިދާރާއެއް މިހާރު މިވިއުގައިގެ ތެރެއަށް ގެނެވިފައިވާކަމަށެވެ.
އިހުސާން ވިދާޅުވީ މޯލްޑިވްސް 2.0ގެ މަސައްކަތުގެ ތެރެއިން އެކި އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ގުޅާލެވުމުން އެއްކަމެއްގައި އާންމުން އެކި އިދާރާތަކަށް އެކިފަހަރު ގޮސް ޚިދުމަތް ހޯދަންޖެހޭގޮތަށް މިހާރު ބައްޓަންވެފައި އޮތް ނިޒާމު ބަދަލުވެގެންދާނެކަމަށެވެ. މިއާއެކު އެންމެ "ކްލިކަކުން" އެމީހަކު ހޯދުމަށް މަސައްކަތްކުރާ ޚިދުމަތަކަށް ވާސިލުވުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، މިނިޒާމަށް ގެނެވޭ ބަދަލުތަކާއެކު މިހާރު އެކި އިދާރާތަކުން ޚިދުމަތް އަވަސްކުރަން މީހުންނަށް ގުޅުން ފަދަ ކަންކަމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް މުޢާމަލާތެއް ނުހިންގޭނެކަމަށެވެ. އެގޮތުން އެއްވެސް ފަރާތަކަށް ކިޔުގައި ޖެހިގެން ޚިދުމަތް ހޯދަންޖެހޭ ތަންތަނުގެ ކިޔުއާ ޚިލާފުވެ ޚިދުމަތްތައް އަވަސްކުރުމުގެ ސަގާފަތު އުވިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.