އެއާޕޯޓު އެޅުމުގެ ބަދަލުގައި ކުދި މަތިންދާބޯޓުތަކަށް ރަށްރަށަށް ޖެއްސޭނެ ގޮތެއް ހޯދުމަށްޓަކައި ސަރުކާރުން ދިރާސާކުރަމުން އަންނަކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ "ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް"ގެ ނަމުގައި ރޭ ޒުވާނުންނާއެކު ބޭއްވެވި ބައްދަލުވުމުގައި، ޒުވާނަކު، މި ސަރުކާރުން ގިނަ އެއާޕޯޓުތަކެއް އަޅަން ނިންމައިފައިވާކަން ފާހަގަކޮށް، އޭގެ ބަދަލުގައި ސީޕްލޭން ބޭނުންނުކުރާ ސަބަބާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.

ރައީސް ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުމަކީ ރޭގަނޑު އެ ޚިދުމަތް ނުދެވުން ކަމަށާއި އެހެން ނަމަވެސް ސީޕްލޭންގެ ބަދަލުގައި، ބައެއް ރަށްރަށުގައި އެއާސްޓްރިޕްތައް ހަދައި، ބޯޓުތައް ޖެއްސޭނެ ގޮތް ހެދިދާނެ ކަމަށެވެ.

އެ ސުވާލާ ގުޅިގެން އިތުރަށް ރައީސް ވިދާޅުވީ، ބޮޑެތި ރަށްރަށުގައި އެހާ ބޮޑު ނޫނަސް، ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ވީލް ހަރުކޮށްފައި ޖެއްސޭނެ ވަރުގެ އެއާސްޓްރިފްސް ގިނަ ރަށްތަކުގައި އެޅުމަކީވެސް، ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވޭ ކަމެއް ކަމުގަ އެވެ.

އޭރުން މަތިން ގޮސް ރޭގަނޑުވެސް ޖެއްސޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާތަނަށް ބެލި ބެލުމަށް ގާތްގަނޑަކަށް 600 މީޓަރުގެ ދިގުމިނުގެ އެއާ ސްޓްރިޕެއް ހަދައިފިއްޔާ އެތާނގައި ކުދި ބޯޓުތަކަށް ޖެއްސޭނެ ކަމަށްވެސް ވިދާޅުވި އެވެ.