ޤައުމުގެ ހުރިހާ ކަމެއްގައިވެސް ނިންމުންތައް ނިންމާ މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީ ތަރައްޤީއަށް މަގުފަހިވާނެކަމެއްކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގައި ޒުވާނުން ހުށައެޅި ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން ނިންމުމަށް ޒުވާނުންގެ ބަސް ވަރަށް މުހިންމުކަމަށެވެ. އެހެންނަމަވެސް މީގެކުރިން ރާއްޖޭގައި ކަންވެފައި އޮތީ ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވާގޮތަށް ނޫންކަމަށާއި، ނަމަވެސް މިސަރުކާރުން މަސައްކަތްކުރާނީ އެކަން ބަދަލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮންމެ ފަންތިއެއްގައި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަކީ ނުވަތަ އެކަމުގެ ފުރުސަތު އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީގޮތެއްގައި ތަރައްޤީއަށް ވާޞިލުވުމަށް މުހިންމުކަމެއްކަމަށެވެ.
ޒުވާނުންގެ ކޮންފަރެންސަށްފަހު ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޕްރެޒެންޓޭޝަންތަކާއެކު ޒުވާނުންވަނީ ހުށައެޅުންތައް ހުށައަޅާފައެވެ. "ޔޫތް ކޮންފަރެންސް ވިތް ޕްރެޒިޑެންޓް"ގައި ރައީސްވަނީ ޒުވާނުން ހުށައަޅާފައިވާ މުހިއްމު ގިނަ ކަންކަމަށް ހައްލު ގެނެސްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.