ގުޅީފަޅުން އަދި ގިރާވަރުވަޅުން މިހާތަނަށް ބިން ދޫކޮށްފައިވާ ސަރަހައްދުތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭ ހިއްކާ ނިންމާލެވޭނެ ކަމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަަކާ ގުޅޭގޮތުން "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގައި ޒުވާނެއް ކުރެއްވި ސުވާލަކަަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭ 3ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން އަވަސްކުރުމަށް 2 ޑްރެޖަރު ބޭނުންކޮށްގެން ސައުވީސް ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށާއި، ބިން ހިއްކާ ނިމޭއިރަށް ގިރާވަރުފަޅު ހިއްކުމަށް މި ޑްރެޖަރުތައް ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ހުރިހައި ސަރަހައްދެއް އެއްކޮށް ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އިޤްތިޞާދީ އެކި ބޭނުންތަކަށް ގުޅީފަޅުން އަދިވެސް ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ވަނީ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.