ބިދޭސީން ވިޔަފާރި ކުރަމުންދިޔަ ބާރަ ތަނެއް ބަލައި ފާސްކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ކަމާބެހޭ ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ކުރިއަށް ދިޔަ ހަރަކާތެކެވެ.

މި އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގެ 12 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އުސޫލުތަކާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.