ވިސިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) ގުޅިގެން ކުރިއަށް ގެންދިޔަ 'ޕެނަލްޓީ ޓު ޕެރަޑައިސް' ކެމްޕޭންގެ ޕެނަލްޓީ ޝޫޓްއައުޓް ޗެލެންޖު ކާމިޔާބުކުރި ފަރާތް އިއުލާންކޮށްފިއެވެ.

ވީއެމްސީ އިން އާންމުކޮށްފައިވާ ބަޔާނުގައި ބުނީ ވީއެމްސީ އާއި އެލްއެފްސީ އާ ދެމެދު ގާއިމުކޮށްފައިވާ ޕާޓްނާޝިޕްގެ ދަށުން "ޕެނަލްޓީ ޓު ޕެރަޑައިސް" ގެ ނަމުގައި އެ ކްލަބުގެ ފޭނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ " ޑެތު- ޕެނަލްޓީ ޝޫޓް އައުޓް ޗެލެންޖުގައި" ކާމިޔާބުކުރި ފަރާތް އިއުލާންކޮށްފައިވާކަމަށެވެ.

އެގޮތުން ޕެނަލްޓީ ޓު ޕެރަޑައިސް ކެމްޕޭނުގެ ދަށުން ކުރިއަށް ގެނދިޔަ ޗެލެންޖުގައި އެލްއެފްސީގެ 50 ފޭނުންގެ ގޮތުގައި ފާހަގަކުރެވޭ 50 މީހަކު ވަނީ ބައިވެރިވެފަކަމަށް ވީއެމްސީއިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މި ޗެލެންޖު ކާމިޔާބުކުރާ ފަރާތަކަށް ހުށަހަޅާފައިވަ އިނާމަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ދަތުރެއްކަމަށާއި މި ދަތުރަށް ހޮލިޑޭ ޕެކޭޖު ހަދިޔަ ކޮށްފައިވަނީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުންކަމަށް ވީއެމްސީއިން މައުލޫމާތުދިފައިވެއެވެ.

ހަމަމިއާއެކު މި މުބާރާތަކީ ތަފާތު ރައުންޑްތަކަކަށް ބަހާލައިގެން އެކި ސަޕްރައިޒް ސައިޑް ޗެލެންޖުތައްވެސް ހިމަނައިގެން ކުރިއަށް ގެން ގޮސްފައިވާ މުބާރާތެއްކަން ފަހަގަކޮށް ވީއެމްސީ އިން ބުނީ މި މުބާރާތް ކާމިޔާބުކުރީ ފިންލީ މެކްގޮވާން ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ ބައިވެރިއެއްކަމަށެވެ.

މީގެ އިތުރުން މި މުބާރާތުގައި ހައި ޕްރެޝާ ޕެނަލްޓީ ރައުންޑް ތަކާއި، އެލްއެފްސީގެ ކުޅުންތެރިންގެ ސަޕްރައިޒް އެޕިއަރެންސްތަކުގެ އިތުރުން، ތަފާތު ގިނަ ސައިޑް ޗެލެންޖުތައް ހިމަނާފައިވާކަމަށް ވީއެމްސީ އިން މައުލޫމާތުދީފައިވެއެވެ. އަދި މި ސައިޑް ޗެލެންޖުތައް މެދުވެރިކޮށް ބައިވެރިންނަށް އިތުރު އިނާމުތަށް ހޯދުމުގެ ފުރުސަތު ދީފައިވާކަމަށް ވީއެމްސީ އިން ފާހަގަކޮށްފައިވެއެވެ.

ވީއެމްސީ އިން ބުނީ މި ކެމޕޭނުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ޑެތު- ޕެނަލްޓީ ޝޫޓްއައުޓް ޗެލެންޖުގެ ފުލް އެޕިސޯޑު 22 ޑިސެމްބަރުން ފެށިގެން އެލްއެފްސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ޔޫޓިއުބުގައި ވަނީ އާންމުކޮށްފައިވާ ކަމަށެވެ.

މި ކެމްޕެއިންކީ މި އަހަރުގެ މާޗް މަހުގައި އެލްއެފްސީ އާއެކު ރާއްޖެއިން ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެއްކަމަށް ވީއެމްސީ އިން ފާހަގަކޮށްފައިވެއެވެ.

ހަމަ މިއާއެކު މިއީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފުޓުބޯޅަ ލީގުކަމަށް ވާ އިނގެރޭސި ޕްރިމިއާ ލީގު މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ސަމާލުކަމާއި މަގުބޫލުކަން އިތުރުކުރުމަށް ކުރިއަށް ގެނދިޔަ ހަރަކާތެއްކަމަށް ވީއެމްސީއިން ފާހަގަކޮށްފައިވެއެވެ. އަދި އެލްއެފްސީ އާއެކު ގާއިމުކޮށްފައިވާ މި މުއްދަތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވީއެމްސީ އިން ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް ވީއެމްސީ އިން ބުނެއެވެ.